ޤައުމީ އަންހެން ވޮލީ ބޯލް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި އެވެ.

ޕަވާ ހޯސް ގައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބް ހޯދާފައި ވަނީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ސްޕޯޓްސް ކްލަބް ވެލޯޒިޔާ އާއި ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކޮށްފައި ވަނީ ޕޮލިސް ކުލަބުންނެވެ. އެ ދެ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައި ވަނީ 25-23 އަދި 25-19 އިންނެވެ. ޕޮލިސް ކުލަބުން ދެ ސެޓް ކާމިޔާބު ކުރި ނަމަވެސް ވެލޯޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ތިން ވަނަ ސެޓް ކާމިޔާބުކޮށްފަ އެވެ.

އެ ސެޓް އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 25-9 އިންނެވެ. ކުޅި ބަލަން ތިބި ސަޕޯޓަރުން ހީކުރިގޮތާއި ޚިލާފަށް މެޗުގެ ހަތަރު ވަނަ ސެޓް ވެލޯޒިޔާއިން ކާމިޔާބުކޮށް ތަށި ހޯދުމުގެ އުއްމީދު އައު ކުރިއެވެ. މި ސެޓް ވެލޯޒިޔާއިން ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ. މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފަސް ވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ކަށަވަރުކުރީ 15-12 އިން ސެޓް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޕޮލިސް ކުލަބަށް ކުޅޭ ސްރީލަންކާ ކުޅުންތެރިޔާ ވަސަނާ މަދުމަލީ އެވެ. މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ޕޮލިސް ކުލަބުގެ ސެޓަރު އައިމިނަތު ސާތިރާ ހޮވުނުއިރު އެންމެ މޮޅު ބްލޮކަރަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާއެވެ. އެންމެ މޮޅު ލިބަރޯއަކަށް ވެލޯޒިޔާގެ އައިމިނަތު ހަލީމް ހޮވުނުއިރު އެންމެ މޮޅު ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެޓީމުގެ އައިޝަތު ޝައްފަ އެވެ. މި މުބާރާތުގެ އެންމެ މޮޅު ޑިގަރަކަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ ލިބަރޯ މުއީނާ ޙަސަންއެވެ. އަދި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ޕޮލިސް ކުލަބު ހޮވުނުއިރު ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ ކޯޗު އިބްރާހިމް ޖަލީލެވެ.

މިއީ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދި ހަތް ވަނަ ފަހަރެވެ.