29 Nov 2013, 15:16
މަގުމަތިން ހިގާފައި ދިޔަ މީހަކަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިގެން ފިލައިގެން އުޅުނު މީހަކު އިސްލާމީ މަރުކަޒުން ހައްޔަރުކޮށްފި އެވެ. ވަޅިން ބިރުދައްކައި ފައިސާ އަތުލުމުގައި އޭނާއާއެކު އިތުރު މީހަކު ވެސް ބައިވެރިވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ ދެ މީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.
އެ ދެ މީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރު ކުރީ އިއްޔެ ހެނދުނު ގާތްގަޑަކަށް 11:00 ހާއިރު ޗާނދަނީ މަގުން މީހެއްގެ އަތުން ފައިސާތަކެއް ފޭރިގަތް ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހަރަކާތެއްގައި މަސްވެރިންގެ ޕާކު ކައިރިންނެވެ. އޭނާ ބަލައި ފާސް ކުރިއިރު ފޭރިގެން ދިޔަ 15000ރ. އޭނާގެ އަތުން ވަނީ ފެނިފަ އެވެ. މި ދެމީހުންގެ ތެރެއިން 28 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިސްލާމީ މަރުކަޒު ތެރެއިނެވެ.
އެ މައްސަލާގައި ފުލުހުން ހޯދި ފައިސާތައް އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާދީފަ އެވެ.