މި އަހަރު ނިމޭ އިރު ރާއްޖޭގެ ރިޒާވު ހުންނާނެ ވަރަށް ވުރެ އަންނަ އަހަރު ނިމޭ އިރު ރިޒާވް ހުންނާނެ ނިސްބަތް ފަސް ޕަސެންޓް ދަށަށް ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން 2011 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 12.3 ބިލިއަން ރުފިޔާގެ ބަޖެޓް މައުލޫމާތުން އެނގޭ ގޮތުގައި މި އަހަރު ނިމޭ އިރު ރަސްމީ ރިޒާވު ހުންނާނީ 314.3 މިލިއަން ޑޮލަރުގަ އެވެ. އަދި އެއީ 3.4 މަހުގެ އިމްޕޯޓްސް އަށް ބޭނުންވާ ފައިސާ ކަމަށް ވެސް އެ މައުލޫމާތުގައިވެ އެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު 2.8 މަސް ދުވަހަށް ދަށްވެ، ރަސްމީ ރިޒާވު ވެސް 299.4 މިލިއަން ޑޮލަރަށް ދަށަށް ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.


"ރަސްމީ ރިޒާވުން އިމްޕޯޓް ކުރެވޭ މިންވަރަށް ބަލާއިރު 2010 ވަނަ އަހަރު އެވްރެޖުކޮށް، 3.4 މަސް ދުވަހުގެ އިމްޕޯޓްސް އަދި 2011 ވަނަ އަހަރު 2.8 މަސް ދުވަހުގެ އިމްޕޯޓްސްގައި ހިފެހެއްއްޓޭނެ ކަމަށް ވެސް އަންދާޒާ ކުރެވެ އެވެ." ބަޖެޓް މައުލޫމާތު 2011 ގައިވެ އެވެ.


ބަޖެޓް މައުލޫމާތުގައިވާ ގޮތުން އަންނަ އަހަރު ރާއްޖެ އިން ބޭރުކުރާ ތަކެތީގެ އާމްދަނީ ވެސް ހަތަރު ޕަސެންޓް ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.


އަންނަ އަހަރު ރާއްޖެ އިން ބޭރުކުރާ ތަކެއްޗަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 172.3 މިލިއަން ޑޮލަރެވެ. އެއީ މި އަހަރު އެކްސްޕޯޓުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ 180 މިލިއަން ޑޮލަރަށް ވުރެ، 7.7 މިލިއަން ޑޮލަރު މަދު އަދަދެކެވެ.


އަންނަ އަހަރުގެ އެކްސްޕޯޓް ދަށްވި އިރު އިމްޕޯޓްސް ވަނީ މަތިވެފަ އެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުން އެނގޭ ގޮތުގައި ފްރައިޓާއި އިންޝުއަރެންސް ނުހިމަނައި އަންނަ އަހަރު 1148.1 މިލިއަން ޑޮލަރުގެ މުދާ ރާއްޖެ އެތެރެކުރާނެ އެވެ. އެއީ މި އަހަރު އިމްޕޯޓް ކުރާ، 978 މިލިއަން ޑޮލަރުގެ މުދަލަށް ވުރެ، 170.1 މިލިއަން ޑޮލަރު، ނޫނީ 17 ޕަސެންޓް މަތީ އަދަދެކެވެ.


ފިނޭންސުން ބުނި ގޮތުގައި ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް، ކަރަންޓް އެކައުންޓްގެ ދަރަނި މި އަހަރަށް ވުރެ އަންނަ އަހަރު 40 ޕަސެންޓް މައްޗަށް ދާނެ އެވެ. އަދި އެ މިނިސްޓްރީން ބުނީ، ޖީޑީޕީގެ ނިސްބަތުން ބަލާއިރު ކަރަންޓް އެކައުންޓްގެ ދަރަނި، މި އަހަރު ތެރޭގައި ހުރި 31 ޕަސެންޓުން އަންނަ އަހަރު 39 ޕަސެންޓަށް މައްޗަށްދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.


އެ މިނިސްޓްރީން ބުނެފައި ވަނީ ކަރަންޓް އެކައުންޓްގެ ދަރަނި ބޮޑުވަނީ އިމްޕޯޓް ކުރާ ތަކެތީގެ ނިސްބަތް މަތިވެ، ވިޔަފާރި އެކައުންޓްގެ ފަރަގު ބޮޑުވުމުން ކަމަށެވެ.