29 Nov 2013, 11:19
ފަލަސްޠީނަށް މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ރާއްޖެއިން ކުރަމުން އަންނަ ތާއީދު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަކުރާރު ކުރައްވައިފި އެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ޔާމީނު ވިދާޅުވެފައި ވަނީ އިރުމަތީ ޤުދުސް އެއީ، އެ ދައުލަތުގެ ވެރިރަށް ކަމުގައި ހެދުމަށް ވެސް ރާއްޖޭން ތާއީދު ކުރާ ކަމަށެވެ.
އަދި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތާނގައިވެސް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ބައިވެރިވުމަށް ފަލަސްޠީނުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ. ރާއްޖެއަކީ އ.ދ.ގެ ނޮން-އޮބްޒަރވަރ ސްޓޭޓަސް ފަލަސްޠީނަށް ކާމިޔާބު ކުރުމަށް ހުށަހެޅުނު ޤަރާރުގެ ކޯ-ސްޕޮންސަރެއްކަން ރައީސްގެ މެސެޖްގައި ފާހަގަ ކުރައްވާފައި ވެއެވެ. ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް، އެމަނިކުފާނު ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.
އަދި ފަލަސްޠީނު ރައްޔިތުންގެ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ފަލަސްޠީނުގެ ދައުލަތެއް ބަލައިނުގަންނަހާ ހިނދަކު، މާނަވީ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައިވެސް ރައީސް ޔާމީނު ވިދާޅުވެފައިވެއެވެ. އަދި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކާމެދު ދިވެހިން ހިތާމަކުރާ ކަމަށާއި، ހާއްސަކޮށް ފަލަސްޠީނުގެ ކުޑަކުދިންގެ ހާލާމެދު ދިވެހިން ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފަލަސްޠީނުގެ މައްސަލައަށް ދޭންޖެހޭ ސަމާލުކަމާއި އަހަންމިއްޔަތުގެ މަތިން ހަނދާންނައްތާނުލައި، މި މައްސަލައަށް ދެމިގެންދާނެ ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް، ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް ވަނީ ގޮވާލައްވާފައިވެއެވެ.