29 Nov 2013, 10:02
ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ޖަލަށް ބަދަލުކޮށްފި އެވެ.
ހާމިދު ހަ މަސް ދުވަހަށް ޖަލަށްލާން މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ހުކުމް ކުރިނަމަވެސް މިހާތަނަށް އޭނާ ހުންނެވީ ގޭބަންދުގަ އެވެ.
ހާމިދު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތަށް ހާޒިރުވާން ޗިޓު ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ އެވެ.
ހާމިދު ޖަލަށް ބަދަލުކޮށްފައި ވަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މެމްބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވެވޭނެ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މެމްބަރަކަށް ވެސް ބަންދުން ދޫނުކުރަނީސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ހާމިދު ޖަލަށްލާން ކުރި ހުކުމް އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ތައްދައްޚުލްވުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.