ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގަޔާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިލާން ނިންމައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބުދުﷲ ވިދާޅުވީ އެގޮތަށް ނިންމީ ރޭ އޮތް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ކަމަށެވެ.

އިމްރާން ވިދާޅުވީ އެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން 104 ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީގެ ނަމުގައި ކައުންސިލްތަކަށް ކުރިމަތިލައްވާނެ ބޭފުޅުން ކަނޑައަޅާނީ ޕްރައިމަރީއަކަށް ނުގޮސް އެ ޕާޓީގެ ތެރެއިން މަޝްވަރާކޮށްގެން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން 32 ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ އިންތިޚާބަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ދެތިން ބޭފުޅަކު ފިޔަވައި ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ޑިގްރީ ހައްދަވައިގެން ތިއްބެވި ބޭފުޅުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ދެތިން ބޭފުޅަކު ފިޔަވައި ހުރިހާ ބޭފުޅުންނަކީ ވެސް ޑިގްރީ ހައްދަވާފައި ތިބި ބޭފުޅުން. އަދި ޕީއެޗްޑީ ހައްދަވާފައި ތިބި ބޭފުޅުންނާއި މިހާރު ޕީއެޗްޑީ ހައްދަވާ ބޭފުޅުން ހިމެނޭނެ،" އިމްރާން ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގަޔާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާން އަދާލަތު ޕާޓީން ނިންމާފައިވާ އިރު، އަދާލަތު ޕާޓީގެ ވެސް ހިއްސާ އޮންނަ ކޯލިޝަނަށް ޖާގަ ދޭގޮތަށް ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އިމްރާން ވިދާޅުވީ އެ ޕާޓީއާ ސަރުކާރާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ޕީޕީއެމުން ކައުންސިލް އިންތިޚާބާ ބެހޭ ގޮތުން އެ ޕާޓީއާ އެކަށީގެންވާ މަޝްވަރާ އެއްކޮށްފައިނުވާ ކަމަށެވެ.

އަދި އެ ޕާޓީން ކުރިއަށް އޮތް ދެ އިންތިޚާބަށް ބޭފުޅުން ނެރެނީ އެ ޕާޓީގެ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

އިމްރާން ވިދާޅުވީ އަދާލާތުން ކުރިމަތިލާފައިވާ ދާއިރާތަކަށް ކޯލިޝަނާ އެކު ކުރިއަށްދާން އެދެފި ނަމަ މިހާރު އަދާލާތު ޕާޓީގެ ފަރާތުން ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ މަސްލަހަތަށް ބަލައި
އެބޭފުޅުންގެ މަސްލަހަތާއި ފުށުނާރާނެ ގޮތަކަށް މުއާމަލާތް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.