29 Nov 2013, 08:43
ބެންކޮކް (ނޮވެމްބަރު 29): ތައިލެންޑްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންގެންދާ އިދިކޮޅު ފަރާތްތައް ބެންކޮކްގައި ހުންނަ ތައި ދިފާޢީ ވުޒާރާ ހިސާރުކޮށް އެވުޒާރާއަށް ގަދަބާރުން ވަދެގެންފި އެވެ.
މުޒާހަރާކުރާ ފަރާތްތަކުން ވަނީ ތައި ސަރުކާރާ މެދު ސިފައިން ދެކޭގޮތް ހާމަކުރުމަށް ސިފައިންގެ އިސްކޮމާންޑަރުންނަށް ގޮވާލާފަ އެވެ. މުޒާހަރާކުރާ ފަރާތްތަކުންދިފާޢީ ވުޒާރާ އަށް ގަދަބާރުން ވަދެގަތްއިރު ދިފާޢީ ވަޒީރާއި ސިފައިންގެ ވެރިޔާ އެވުޒާރާގައި ނޫޅުއްވާ ކަމަށް ޚަބަރުލިބެ އެވެ. މުޒާހަރާކުރާ ފަރާތްތައް ދިފާޢީ ވުޒާރާ އަށް ވަދެގަތުމާ ގުޅިގެން ތައިލެންޑްގެ ޙާލަތު ވަރަށް ގޯސްވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އަސްކަރީ އިންގިލާބެއްގެ ބިރުނެތް ކަމަށް ސަރުކާރުން ބުނެ އެވެ.
ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ތައިލެންޑްގެ ތަޢްލީމާ ބެހޭ ވަޒީރު ޝަތްރޯން ޝިޒިންގް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކާ ގުޅިގެން ތައިލެންޑްގެ ޙާލަތު ނާޒުކު ފައްތަރެއްގައިވީ ނަމަވެސް މުޒާހަރާކުރާ ފަރާތްތަކަށް ސިފައިންގެ ތާއީދުއޮތްކަމަށް ނުބެލެވޭތީ ޢަސްކަރީ އިންގިލާބެއްގައި ސަރުކާރު ވައްޓާލުމުގެ ބިރު ނެތް ކަމުގަ އެވެ.
އިދިކޮޅު ފަރާތްތައް ފަހަތުގައި ތިބެގެން ކުރިޔަށްގެންދާ މުޒާހަރާތަކަކީ ސަރުކާރު ވައްޓާލުމަށް އަމާޒު ހިފާފައިވާ މުޒާހަރާތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިޔަށްގެންދާ މުޒާހަރާތަކުގެ ބައިވެރިން ބެންކޮކްގައި ހުންނަ ސަރުކާރުގެ ބައެއް ވުޒާރާތައް ހިސާރުކުރި ނަމަވެސް މި މުޒާހަރާތައް މައިގަނޑު ގޮތެއްގައި ކުރިޔަށްދަނީ ސުލްޙަވެރި ގޮތުގައި ކަމަށް ޚަބަރު ލިބެ އެވެ.
އަނެއްކޮޅުން ތައިލެންޑްގެ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާގެ މައްޗަށް އެގައުމުގެ ޕާލަމެންޓްގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ނެގި އިތުބަރުގެ ވޯޓު އެކަމަނާ ވަނީ ކާމިޔާބު ކުރައްވާފަ އެވެ. މިކާމިޔާބާ ގުޅިގެން އިދިކޮޅު ފަރާތްތައް މާޔޫސްވެފައިވާ އިރު ވެރިކަންކުރާ "ފެއު ތައި" ޕާޓީން ވަނީ ބޮޑުވަޒީރާ ޔިންގްލަކް މަޤާމުގައި ދެމިހުންނަވާނެ ކަމަށް ބުނެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބެންގްކޮކް އާއި ތައިލެންޑްގެ އެނޫން ސަރަހައްދުތަކުގައި ކުރިޔަށްދާ މުޒާހަރާތައް ފެށުނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ޢަމަލުތައް ސާބިތުވެ ކޯޓުން ޙުކުމްކޮށްފައިވާ ސިޔާސީ ފަރާތްތަކަށް މައާފް ދިނުމުގެ ގާނޫނެއް ޕާލަމެންޓުން ފާސްކުރަން ސަރުކާރުން މަސައްކަތް ކުރާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މިފަދަ ގާނޫނެއް ޕާލަމެންޓުން ފާސްކުރުމަށް ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާގެ ސަރުކާރުން މަސައްކަތްކުރަނީ އެކަމަނާގެ ބޭބެ އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ އަށް މައާފް ދެވޭނެގޮތެއް ހަމަޖެއްސުމަށް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ތަކްސިންއަކީ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވުމާ ގުޅިގެން ޖަލަށްލުމަށް ކޯޓުން ޙުކުމްކޮށްފައިވާ ބޭފުޅެކެވެ. އޭނާ ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދިޔުމުގެ ސަބަބުން އެހުކުމް ތަންފީޒު ކުރެވޭނެގޮތެއްވަނީ ނުވެފަ އެވެ. (ބީބީސީ)