ދަވްޙާ (ނޮވެމްބަރު 29): ފަލަސްތީނަށް ކުރިމަތިވެފައިވާ ފައިސާގެ ޙައްލުކުރުމަށް ޓަކައި 150 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ގަތަރުން ނިންމައިފި އެވެ.

މިކަން ހާމަކުރައްވަމުން ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދުﷲ ވިދާޅުވީ ގަތަރުން މި އެހީ ދިނުމަށް ނިންމީ ދަވްޙާގައި އޭނާ ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދް އާލް ޘާނީ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަކާ ގުޅިގެން ކަމުގަ އެވެ. ހަމްދުﷲ އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ދައުލަތުގެ ސިވިލްސާވިސް މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުންނާ އަދި މުދައްރިސުންފަދަ ފަންނީ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް ހިސާބަށް ބަޖެޓްގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާ ގަތަރުން ދިން މިއެހީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ އެކައުންޓްތަކަށް ވަރަށް އަވަހަށް ޖަމާވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ގަތަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދް އާލް ޘާނީގެ އިތުރުން ގަތަރުގެ އިސް ބައެއް މަސްއޫލުވެރިންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. ފަލަސްތީނަށް މާލީ ދަތިކަން އާދަޔާ ޚިލާފަށް ފޯރާފައި މިވަނީ އިސްރާއީލުގެ އިސްތިޢްމާރާއި އަޅުވެތި ކަމުގެ ސަބަބުން ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ. އިސްރާއީލުން ފަލަސްތީނުގެ ދަނދުވެރިންނަށް ދަތިކޮށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާ އަށް ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ ބައެއް ފައިސާ ހިފަހައްޓައި އަދި އެކްސްޕޯޓްކުރާ ތަކެއްޗަށް ހުރަސް އަޅަމުންގެންދާ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)