29 Nov 2013, 08:24
ޑާކާ (ނޮވެމްބަރު 29): ބަންގްލަދޭޝްގެ އާންމު އިންތިޚާބު އަންނަ ޖަނަވަރީމަހުގެ 5 ވަނަ ދުވަހު ބާއްވާނެކަން ސަރުކާރުން އިޢްލާންކުރުމާ ގުޅިގެން އެގައުމުގައި ހިންގި ހަމަނުޖެހުންތަކުގައި 15 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ހަމަނުޖެހުންތައް ހިންގީ އިންތިގާލީ ސަރުކާރަކާ ވެރިކަން ހަވާލުނުކޮށް މިހާރުގެ ބޮޑުވަޒީރާ ޝައިޚް ހަސީނާގެ ސަރުކާރުގެ ބެލުމުގެ ދަށުން އިންތިޚާބު ބާއްވާތީ އިދިކޮޅު ފަރާތްތަކުންނާއި އެފަރާތްތަކަށް ތާއީދުކުރާ އެކްޓިވިސްޓުންނެވެ. ބަންގްލަދޭޝްގައި ޢާންމު ގޮތެއްގައި އިންތިޚާބު ބާއްވަނީ ސިޔާސީ ފަރާތްތަކުގެ ބައިވެރިވުންނެތް ވަގުތީ އިންތިގާލީ ސަރުކާރެއްގެ ބެލުމުގެ ދަށުންނެވެ. އެއީ ވަކި ޕާޓީއަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ހިމެނޭ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިޚާބު ބާއްވާ ނަމަ އިންތޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ފުރްސަތު ބޮޑުވާނެތީ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބުގެ ތާރީޚު ގަބޫލުނުކޮށް ވަގުތީ އިންތިގާލީ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިޚާބު ބޭއްވުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ޓްރާންޕޯޓްގެ ވަސީލަތްތައް ހިސާރުކުރުމުގެ އިހްތިޖާޖެއް ފަށާފަ އެވެ. މިއިޙްތިޖާޖްތަކުގައި ބައިވެރިވާ ފަރާތްތަކާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 15 މީހުން މަރުވެފައިވާ އިރު ވެރިރަށް ޑާކާއާއި އެނޫން ސިޓީތަކުގައި ޕަބްލިކް ޓްރާންޕޯޓް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަމަނުޖެހުން ހިންގި ފަރާތްތަކުން ވަނީ ޓެކްސީ ކުރުމަށް ބޭނުންކުރާ އަމިއްލަ މީހުންގެ ރިކްޝާ އާއި ކާރުފަދަ ވެހިކަލްތަކުގައި ވެސް ހުޅުޖަހާފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައިމަޝްވަރާތައް ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުން އދ.ގެ މަންދޫބެއް ކަމަށްވާ އޮސްކާ ފަރނާންޑޭޒް އަންނަ ޑިސެމްބަރު 6ގައި ޑާކާ އަށް ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. (ބީ.ބީ.ސީ)