28 Nov 2013, 20:46
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ދެމެދު ހިނގާދިޔަ ކަންކަން ބައްލަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވީ ޖަސްޓިސް ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ ސިވިލް ކޯޓުގެ ކައުންޓަރު އެކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމުމާއި ގުޅިގެންނެވެ.
ސަންއާ ވާހަކަދައްކަވަމުން ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މާޖިދު މިއަދު ވިދާޅުވީ މިއަދު ހިނގާދިޔަ ކަންތައްތައް ބައްލަވަން އުއްތަމަ ފަނޑިޔާރު ނިންމަވާފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އާޅުއްވާނެ ކަމަށެވެ.
މާޖިދު ވިދާޅުވީ ޖާގައިގެ ދަތި ކަމަކީ މިވަގުތު މާލޭ ކޯޓުތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށާއި އަދި އެކަމަކީ ކޯޓު ތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ ބޭނުމަށް އެކޯޓުގެ ކައުންޓަރަށް ގިނަ ބަޔަކު އައިސް ތޮއްޖެހިފައިވުމުން އެ ކޯޓުން އެ ކައުންޓަރުގައި ދެމުންދިޔަ ޚިދުމަތްތައް ފޯރުކޮށްދެވޭފަދަ މާހައުލެއް ނެތް ކަމަށެވެ.
އެކަމާބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ އެއްވެސް ކައުންޓަރެއް އެ ކޯޓުން ބޭނުންކުރަމުން ނުދާ ކަމަށެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން ބޭނުންކުރަމުން ދަނީ ޖަސްޓިސް ބިލްޑިންގެ ތިރީގައި ހުރި ކައުންޓަރުތަކުގެ ތެރެއިން އެ ކޯޓަށް ދޫކޮށްފައިވާ ކައުންޓަރު އެކަނި ކަމަށެވެ.