ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލާއި ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކުރައްވައިފި އެވެ.


މިއަދު ދުނިޔޭގައި ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅުވައިގެން ޓްރާންސްޕޯޓް މިނިސްޓަރު ނުރެއްވި ޚިތާބެއްގައި ވިދާޅުވަނީ، ވައިގެދަތުރުފަތުރުގެ ޚިދުމަތްތަކަކީ ސަލާމަތާއި ރާއްކާތެރިކަން ކަނޑައެޅިފައިވާ މިންގަނޑުތަކަކާއި އުޞޫލުތަކެއްގެ ތެރެއިން ދެވޭ ޚިދުމަތްތަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.


އެހެންކަމުން، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީކަންތައް ހުރި ނެތްގޮތް ވަޒަން ކުރުމަށް މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިކާއޯ) އިން މި އަހަރުގެ އޮކްޓޯބަރު މަހު ކުރި އޯޑިޓާ ގުޅިގެން އިސްލާހްކޮށް އިތުރަށް ފުރިހަމަކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަކި މުއައްސަސާއެއް އުފައްދަން ޖެހޭ ކަން ފާހަގަކުރައްވައި، އާދިލް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރި އެރުން ލިބިގެންދާނެ ކަމަށެވެ.


އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ އޯގަސްޓް 16، 2010 ގަ އެވެ.


މީގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުންނާއި ރާއްޖޭގެ އެތެރޭގައި ވައިގެ މަގުން ޚިދުމަތް ހޯދަމުން ގެންދާ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަޤްސަދުގައި މަޖިލީހަށް މިދިޔަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ހުށަހަޅާފައިވާ ފަސިންޖަރުންގެ ހައްޤުތައް ރާއްކާތެރި ކުރުމާ ބެހޭ ބިލާ ގުޅޭ ގޮތުން އާދިލް ވިދާޅުވީ، އެ ބިލް ފާސްވެ ޤާނޫނަކަށްވުމުން ފްލައިޓް ލަސްވުމުންނާއި ފްލައިޓްތައް ކެންސަލްވުންފަދަ ކަންކަމުން ފަސިންޖަރުންނަށް ލިބޭ ދަތިތަކުން ހިމާޔަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމަކީ ހުރިހާ ފަސިންޖަރުންނަށް ލިބެން ޖެހޭ ހައްޤުތަކެއް ކަމަށްވާތީ، އެ ބިލް ޤާނޫނަކަށް ހެދުން އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އާދިލް އިލްތިމާސް ކުރެއްވި އެވެ.


މި އަހަރު ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރާ ބެހޭ ދުވަސް ފާހަގަކުރާއިރު  މިދުވަސްވަރަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ސިޔާސަތުގެ ދަށުން މާލެ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ބޭރުގެ ފަރާތްތަކާއި ހަވާލުކުރި ކުރުން ވެގެން ދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ މައިދޮރާށި ތަރައްޤީވެ، ފަތުރުވެރިކަން އިތުރުވެ، އެތަނުން ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަކަށެވެ.


މީގެ އިތުރުން ރާއްޖޭގެ ސަރައްހައްދީ ވައިގެ ބަނދަރުތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހިންގުމަށް ސަރުކާރުން މަސައްކަތްކަތް ކުރަމުންދާ އިރު، ތަރައްގީ ކުރުމަށް އަމިއްލަ ފަރާތްތަކަށް ހަވާލުކޮށްފައި ހުރި ނަމަވެސް އެކިއެކި ސަބަބުތަކާހުރެ މަސައްކަތްތައް ހުއްޓި ނުވަތަ އެއްވެސް މަސައްކަތެއް ނުފެށި ހުރި ވައިގެ ބަނދަރުތަކަށް ދިމާވެފައިވާ "ތާށިކަން" ފިލުވުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


މިއަހަރުގެ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ ޝިއާރަކީ "ސަލާމަތާއި ރާއްކާތެރި އަދި ދެމެހެއްޓެނެވި ވައިގެ ދަތުރުފަތުރު" މި ޝިއާރެވެ.