އެޑިއުކޭޝަން ދާއިރާގައި ހަރަކާތްތެރިވާ ކޮންމެ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ތަކެތި ކްރެޑިޓަށް ނެގޭ ލޯން ސްކީމެއް އިސްލާމިކް ބެންކް (އެމްއައިބީ) އިން ތައާރަފްކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ މެނޭޖިން ޑައިރެކްޓަރު ހާރިސް ހާރޫން އެވެ.

މިނިސްޓާ ވިދާޅުވީ އެ ސްކީމްގެ ތެރެއިން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ކޮންމެ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ލޯން ސްކީމެއްގެ ތެރެއިން ތަކެތި ގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

އެމްއައިބީގެ މާކެޓިން އެންޑް ސޭލްސް، މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ އެ ސްކީމްގެ ތެރެއިން އެ ފަރާތަކުން އެދޭ ތަކެތި އެ ބޭންކުން ގަނެ ފަހުން ފައިސާ ދައްކާގޮތަށް ހަވާލުކުރެވޭނެ ކަމަށެވެ. އެ ސްކީމުން ގަނެވޭ ތަކެތީގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި ދުއްވާ އެއްޗިއްސާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް ފަދަ ތަކެތި ހިމެނެ އެވެ.

"ފަރުނީޗަރު ފަދަ ތަކެތި ނެގުމަށްފަހު އަނބުރާ ދައްކަންޖެހެނީ 11 މަހުގެ ތެރޭގައި. ސައިކަލެއް ނަމަ ތިން އަހަރު، ދެން ކޮސްޓްރަކްޝަން މެޓީރިއަލްސް ނެގުމަށްފަހު 18 މަސް ދުވަސް ދޭނަން. ކަސްޓަމަރުން އެދޭ ފިހާރަތަކުގެ ތެރެއިން އަޅުގަނޑުމެންނާއެކު އެއްބަސްވެފައިވާ ފިހާރަތަކުން މިހިދުމަތް ލިބޭނެ،" ޝަފާއު ވިދާޅުވި އެވެ.

އޭނާ ވިދާލުވީ އެ ހިދުމަތް ދޭނީ އެ މުވައްޒަފެއްގެ މުސާރައިން ކަނޑާގޮތަށް ކަމަށެވެ. އެހެންކަމުން އެ ބޭންކްގައި މުވައްޒަފުން އެކައުންޓެއް ހުޅުވަން ޖެހެ އެވެ. ޝަފާއު ވިދާޅުވީ އެ ބޭންކުން އެގޮތަށް ވިއްކާ އެކި ތަކެއްޗަށް ފައިދާ ހިމަނާފައި ހުންނާނީ އެކި ވަރަށް ކަމަށާއި އެއީ ގާތްގަނޑަކަށް 10،000ރ. އިން 900ރ. ވަރު ކަމަށެވެ.