ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ ހއ. އަލިދޫ ރިސޯޓާއި މ. މެދުފުށި ރިސޯޓް ހިންގާ މެދުފުށި އިންވެސްޓްމަންޓް އަދި ގިރާވަރު އައިލެންޑް ރިސޯޓުގެ ވެރިޔާ މ. ސްނޯރޯޒް، އަބްދުއް ރައޫފްއާ ދެކޮޅަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އުފުލާފައިވާ ދައުވާ އަނބުރާ ގެނެސްފި އެވެ.

މެދުފުށި އިންވެސްޓްމަންޓުން ހިންގާ މ. މެދުފުށި އައިލެންޑް ރިސޯޓާއި ޔޮޓް ޓުއާސް އިން ހިންގާ ދެ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި އަބްދުއް ރައޫފާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ދައުވާ އަނބުރާ ގެނެސްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މީރާއިން ހުށަހެޅި މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ނޮވެމްބަރު 10 ވަނަ ދުވަހު އެދިފައިވާތީ އެ ގަޒިއްޔާ އިތުރަށް ކުރިޔަށް ގެންދާނެތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވާ ކަމަށެވެ.

ދައުލަތަށް ލިބެން ޖެހޭ 17.6 މިލިއަނަށް ޑޮލަރު ނުލިބިގެން މީރާއިން ވަނީ ހަތަރު ރިސޯޓްގެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާގެ ތްރީއޭން ހިންގާ ފ. ފިލިތެޔޮ ރިސޯޓާއި މެދުފުށި އިންވެސްޓްމަންޓުން ހިންގާ މ. މެދުފުށި ރިސޯޓާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓްޓްއާޒުން ހިންގާ ހއ. އަލިދޫ ރިސޯޓް އާއި އދ. ކުޑަރަށް ރިސޯޓް އަދި ކ. ގިރާވަރު ރިސޯޓެވެ.

މީރާއިން ކުރިން ބުނެފައި ވަނީ އެ ރަށްތަކާއި ދެކޮޅަށް މީރާއިން ވައްދާފައިވާ މައްސަލަތައް އަނބުރާ ގެނަން ނިންމީ ރިސޯޓްތަކުގެ ކުއްޔާ ގުޅޭ ގޮތުން މިހާރު ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެންނަން ޖެހިފައިވާތީ އާ އުސޫލުތައް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޓޫރިޒަމް މިނިސްޓްރީން ކަމަށް ކެބިނެޓުން ނިންމާ އެކަން އެ އޮތޯރިޓީއަށް އެންގުމުންނެވެ. އަދި ކުލި ނުދައްކާ ހުރި ފައިސާ ބަހާލައިގެން ދެއްކުމަށް ރިސޯޓްތަކާ އެކު ޓޫރިޒަމުން އެއްބަސްވެފައިވާތީ ނުދައްކާ ފައިސާ އެއް ފަހަރާ ހޯދުމަށް ކުރާ ދައުވާތައް ކުރިއަށް ގެންދިޔުމަކީ ގާނޫނީ ގޮތުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް މީރާއިން ބުންޏެވެ.

ރިސޯޓުތަކުގެ ކުލީގެ މައްސަލަތައް ނެގުމަށް މީގެ ކުރިން އެ އޮތޯރިޓީން ވަނީ ދެކޮޅު ހަދައިފަ އެވެ. މީރާއިން ބުނެފައި ވަނީ އެ މައްސަލަތައް ނެގުމަށް އޭރު ދެކޮޅު ހެދީ ކުލި ނުދައްކާ ރިސޯޓްތަކުގެ އެއްބަސްވުންތަކަށް އިސްލާހު ގެނައުމުގެ އެޓާނީ ޖެނެރަލާއި ކެބިނެޓްގެ ނިންމެވުމެއް ނެތުމުން ކަމަށެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދައުލަތަށް ލިބެންޖެހޭ އެންމެ ގިނަ ފައިސާ ނުލިބި ވަނީ ރިސޯޓްތަކުންނެވެ. އެގޮތުން ބިލެއްދޫ ދާއިރާގެ މެންބަރު ހަމްޒާގެ ތްރީއޭގެ ފިލިތެޔޮ ރިސޯޓުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.2 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ޖާބިރުގެ ޔޮޓް ޓްއާޒްގެ އަލިދު އާއު ކުޑަރަށުން 6.5 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހެ އެވެ. އަދި މެދަފުށު ރިސޯޓުން ހަ މިލިއަން ޑޮލަރު ނުދައްކާ އެބަ އޮތެވެ.

އެ ދައުވާތައް އަނބުރާ ގެނައީ ނުދައްކާ ހުރި ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީއާއި ރިސޯޓުތަކުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ.