ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާ މާނަކުރަންޖެހޭނީ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭގޮތަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހުން އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވަނީ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރު ކުރެވޭ މީހާއާ މެދު ސުވާލުކުރެވިއްޖެނަމަ އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންޖެހޭނެ ކަމަށެވެ. އެއާ ޚިލާފްވެއްޖެނަމަ ނުވަތަ މަޖިލީހުން އަންގާ ލިޔުމެއް ނުދީފިނަމަ ޖިނާއީ ކުށެއްގެ ގޮތުގައި އެކަން ބެލެވޭނެ ކަމަށް އެ މާއްދާގެ (ށ) އަދި (ނ) ގައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ މާއްދާ މާނަކުރަންޖެހޭނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެއްވެސް ހައްގަކަށް އުނިކަން ނުލިބޭ ގޮތަށް ކަމަށެވެ.

އެ މާއްދާގެ ދަށުން ޖިނާއީ ދައުވާއެއް އުފުލިއްޖެނަމަ ޖިނާއީ އެހެނިހެން މައްސަލަތަކުގައި ވެސް ތުހުމަތު ކުރެވޭ މީހާއަށް ގާނޫނު އަސާސީން ލިބިދޭ ހުރިހާ ހައްގުތަކެއް އެ މީހަކަށް ލިބިދޭންޖެހޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ މާއްދާ އެކުލަވާލާފައި އޮތްގޮތުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.