ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަ ބުއިންތައް އުފައްދާ "ވެގާ ސްޕޯޓް" ގެ ބައެއް އުފެއްދުންތަކުގައި "ކްލޮރަމް ފެނިކޮލް" އެކުލެވޭ ކަމުގެ މައުލޫމާތު ލިބިފައިވާތީވެ، އެފަދަ ބުއިންތައް ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.

އެމްއެފްޑީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހަށިގަނޑުގެ ހަކަތަ އިތުރު ކުރުމަށާއި މަސްތައް ވަރުގަދަ ކުރުމަށް ބޭނުންކުރާ ނިއުޓްރިޝަނަލް ޝޭކެއް ކަމަށްވާ "ވެގާ ސްޕޯޓްސް ޕާފޮމަންސް ޗޮކޮލެޓް" އަދި ހިކެން ބޭނުންކުރާ ޑައެޓްރީ ސަޕްލިމަންޓެއް ކަމަށްވާ "ވެގާ ވަން ވެނީލާ ޗާއި" ގެ އުފެއްދުންތައް ކްލޮރަމްފެނިކޮލްއިން ތަޢައްޔަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް އިން ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.

"ކްލޮރަމްފެނިކޮލް" އަކީ ބާރުގަދަ އެންޓިބައޮޓިކް އެޖެންޓެކެވެ. މިމާއްދާ ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަމުން މިހާރު އެންޓި-ބައިޓިކެއްގެ ގޮތުގައި މިމާއްދާ ބޭނުމެއް ނުކުރެ އެވެ.

އެމްއެފްޑީއޭއިން ބުނީ ކްލޮރަމްފެނިކޮލް މިފަދަ ސަޕްލިމެންޓްތަކުގައި ހިމަނައިގެން ބޭނުންކުރުމުގެ ރައްކާތެރިކަމުގެ މިންވަރެއް މިހާތަނަށް އެނގިފައި ނެތުމުން މިމާއްދާ ހިމެނޭ އެއްވެސް ސަޕްލިމެންޓެއް ބޭނުން ނުކުރުމަށް ޖޮއިންޓް އެކްސްޕާޓް ކޮމިޓީ އިން ފުޑް އެޑިޓިވްސް (ޖޭއީސީއެފްއޭ) އިން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ވެގާ ސްޕޯޓްސްގެ އުފެއްދުންތައް އުފައްދާ އެމެރިކާ އަދި ކެނެޑާގެ ބާޒާރުތަކުން އެބާވަތުގެ އުފެއްދުންތައް ނަގަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖެއަށް އެ ބުރޭންޑުގެ އުފެއްދުންތައް ވަކި ފަރާތަކުން އެތެރެކޮށް ވިއްކަމުން ނުދާ ނަމަވެސް، މީގެ އުފެއްދުންތައް އޮންލައިންކޮށް ގަންނަން ލިބޭ އުފެއްދުންތަކެއް ކަމުން ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.

އަދި މިބާވަތުގެ އުފެއްދުމެއް ފިހާރައެއްގައި ވިއްކަން ހުއްޓާ ފެނިއްޖެ ނަމަ، އެކަން އެމްއެފްޑީއޭއަށް އެންގުމަށް އެއޮތޯރިޓީއިން ވަނީ ދީފަ އެވެ.