މުއްދަތު ހަމަވެފައި ހުރި ދެހާސް ކޭސް ބިޔަރު ކަސްޓަމްސް އިން ނައްތާލައިފި އެވެ.

މިއަދު ތިލަފުށީގައި ނޫސްވެރިން ކުރިމަތީ ނައްތާލާފައިވާ 2،000 ކޭސްގެ ތެރެއިން ކޮންމެ ކޭހެއްގައި 40 ބިޔަރު ދަޅު ހިމެނެ އެވެ.

ބިޔަރު ދަޅުތައް ނައްތާލާފައިވަނީ ޕޭމަންޓް ގާތަކެއް މަތީ ދަޅުތައް އެތުރުމަށްފަހު ހައިމާކަކުން ދަޅުތައް ޗިސްޗިސްކޮށްލައިގެނެވެ.

ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ ނައްތާލި ބިޔަރު ދަޅުތަކަކީ މީގެ ދެމަސްކުރިން ރާއްޖެ އެތެރެކޮށްފައިވާ ތަކެތި ކަމަށާއި އެތަކެތި ނައްތާލީ މުއްދަތު ހަމަވެފައި ހުރުމުން ކަމަށެވެ. އަދި އެތެރެކުރި ތަކެއްޗަކީ ރަނގަޅު ރޫޓުން ރާއްޖެއައިސްފައިވާ ތަކެތި ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.

މީގެ ދެމަސް ކުރިން ރާއްޖެ އެތެރެކުރި 2،000 ކޭސް ބަނގުރަލުގެ މުއްދަތު 2010 ފެބްރުއަރީ 16 ވަނަ ދުވަހަށް ވަނީ މުއްދަތު ހަމަވެފައި ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި ނައްތާލާފައިވަނީ އެމްއެންޑީއެފުން ހުއްދަ ލިބިގެން އެތަކެތީގެ ވެރިފަރާތާ ގުޅިގެން ކަމަށެވެ.