އާ ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ތަރައްގީގެ މަޝްރޫއުތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް 50 މިލިއަން ޔުއާން (8.2 މިލިއަން ޑޮލަރު)ގެ ހިލޭ އެހީއެއް ދިނުމަށް ނިންމަވައިފި އެވެ.

ޗައިނާ ސަރުކާރުން އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަރިހަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫ ހޮންގްޔާ އޯ މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް އެފަދަ އެހީއެއް ދެއްވުމަށް ނިންމެވިކަމަށްޓަކައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އުފެދުނުތާ 41 އަހަރު ވެފައިވާކަން ފާހަގަކުރައްވައި އެ ގުޅުން ބަދަހިކުރުމަށް ޗައިނާ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެރޮނގުން ވާހަކަފުޅު ދައްކަވަމުން ޗައިނާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ޗައިނާއަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަތަކެއް ހަމަޖެއްސެވުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވި އެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު އެއްގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ އުންމީދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ޓޫރިސްޓުންގެ އަދަދު މުސްތަގުބަލުގައި އަދި އެއަށްވުރެ ވެސް އިތުރުވެގެން ދިޔުން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޗައިނާ، އިންޑިއާ، އެމެރިކާ އަދި ޖަޕާން ފަދަ ރާއްޖެއާ ހާއްސަ ގުޅުން އޮންނަ ގައުމުތަކާ އެކު ކުރެވޭ މުއާމަލާތުތައް އިތުރަށް ފުޅާކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި މި ގައުމުތަކަށް ހާއްސަ ޑިވިޝަންތަކެއް އުފެއްދެވުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވި އެވެ.

ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި އިގުތިސާދީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ދިވެހި ސަރުކާރުގެ އިގުތިސާދީ ދާއިރާތަކުގެ ބޭފުޅުންނާއި ވިޔަފާރީގެ ފުންނާބު އުސް ބޭފުޅުން ހިމެނޭ ވިޔަފާރި ވަފުދެއް ޗައިނާއަށް ޒިޔާރަތެއް ކުރެއްވުމާ ގުޅޭގޮތުން މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ދައުރު ފެށްޓެވުމާ ގުޅިގެން އެމަނިކުފާނަށް ޗައިނާ ސަފީރު މަރްޙަބާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި ރައީސް ޔާމީންގެ ސަރުކާރުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.