ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް މަޖިލީހުން ހޮއްވެވި މ. އުނިމާގޭ ފާތިމަތު ރީނީ އަބްދުއްސައްތާރު އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.

އެކަމަނާ އެމަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ރީނީ އައްޔަން ކުރެއްވުމުގެ ކުރިން، ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ހުސައިން ކުރިފުޅުމަތީގައި، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ގާނޫނީ ހުވާ ވަނީ ކުރައްވައިފަ އެވެ.