ރާއްޖޭގެ މަހުގެ އުފެއްދުންތައް "ހަލާލް" ސަޓިފައިކޮށް މެދުއިރުމަތީގެ ބާޒާރުތަކަށް ތައާރަފް ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޔޫރަޕުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ނަގަން ފަށާއިރު، އެކަން ފޫބެއްދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޔޫރަޕުން ދިވެހިރާއްޖެއަށް ޖީއެސްޕީ ޕުލަސް ސްކީމްގެ ދަށުން ލިބޭ ޑިއުޓީގެ އިނާޔަތްތައް ނުލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާތީވެ، އެސްކީމްގައި ބައިވެރިވާން އެދުނު އެޕްލިކޭޝަން އަނބުރާ ގެނެސްފައިވާ ކަމަށެވެ.

"ޔޫރަޕަށް އަޅުގަނޑުމެން ހުށަހެޅި އެޕްލިކޭޝަން ރިޖެކްޓުކުރުމުގެ ފުރުސަތު ނުދީ، ސަރުކާރުން މިނިންމީ އެޕްލިކޭޝަން ވިތުޑުރޯ ކުރުމަށް (އަނބުރާ ގެންދަން). އެހެންވީމަ ޖެނުއަރީ މަހާ ހިސާބަށް އަޅުގަނޑުމެންނަށް ޔޫރަޕުގައި ލިބެމުން އައި އިނާޔަތްތައް ކެނޑޭނެ،" އަމީން ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޖީއެސްޕީ ޕުލަސް ސްކީމްގައި ރާއްޖެއަށް ބައިވެރިނުވެވެނީ، އެސްކީމްގެ ޝަރުތެއް ކަމަށްވާ ދީނީ މިނިވަންކަން ރާއްޖޭގައި ނެތުމުން ނެވެ.

ޑރ. ޝައިނީ ވިދާޅުވީ ޖީއެސްޕީ ޕުލަސްގައި ނުހިމެނުމުން ރާއްޖެއަށް މިހާރު ލިބެމުން އަންނަ ޑިއުޓީގެ އިނާޔަތްތައް ނުލިބޭނެ ކަމަށާއި އޭގެ ސަބަބުން ކުންފުނިތަކަށް ލިބޭ ފައިދާ ކުޑަވެގެންދާނެ ކަމަށެވެ.

ނަމަވެސް މިކަން ފޫބެއްދުމުގެ ގޮތުން ރާއްޖޭގެ މަސް އެހެން ބާޒާރުތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ހަލާލް ސަޓިފައިކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައި. އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގައި އެމިންގަނޑަށް މަސް ބަންދުކުރާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެކަން ކުރެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

ޑރ. ޝައިނީ ވިދާޅުވީ މިހާތަނަށް އަރަބި ގައުމުތަކާއި އޭޝިޔާގެ މެލޭޝިޔާ ފަދަ ގައުމުތަކަށް ރާއްޖޭގެ މަސް ބޭރުނުކުރެވެނީ ހަލާލް ސަޓިފައިނުކުރުމުގެ ސަބަބުން ކަމަށެވެ.

އަމީން ވިދާޅުވީ ހަލާލް ސަޓިފައިކުރަން ފެށުމުން ރާއްޖޭގެ އުފެއްދުންތައް ދުނިޔޭގެ އިތުރު ބާޒާރުތަކަށް ގެންދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

ޔޫރަޕުގެ ޖީއެސްޕީ ޕުލަސް ސްކީމުގައި ބައިވެރިވާނެ އެދުނު އެދުން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ އެއެޕްލިކޭޝަން ޔޫރަޕުން ރިޖެކްޓްކުރާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށާއި، ރިޖެކްޓް ކުރުމުގެ ފުރުސަތު ނުދީ އަނބުރާ ގެންނަން ނިންމީ ރިޖެކްޓުކުރުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކުން ސަލާމަތްވުމަށް ކަމަށެވެ.

ދުނިޔޭގެ އެހެން ބާޒާރުތަކަށް މަސް ބޭރުކުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، އެބާޒާރުތަކުގައި ރާއްޖޭގެ މަސް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމަށް ޕްރޮމޯޝަން ބޯޑެއް އެކުލަވާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިޕްރޮމޯޝަން ބޯޑުގައި ހިމެނެނީ ސަރުކާރާއި މަސްވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ ފަރާތްތަކެވެ. މިބޯޑުގެ ދަށުން ދުނިޔޭގެ އެކިއެކި ފެއާތަކާއި މައުރަޒުތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތައް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެ އެވެ.