އޮޑިޓާ ޖެނެރަލް ކަމަށް، ޢަލީ ރަޝީދު ޢުމަރު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.


މީގެކުރިން ދެ ފަހަރެއްގެ މަތިން އަލީ ރަޝީދުގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ހުށަހެޅު ނަމަވެސް މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައި މި ވަނީ، އަލީ ރަޝީދުގެ ނަންފުޅު މަޖިލީހުން ފާސްކުރަން ނުފެންނަ ކަމަށް ހިމަނައި މާލިއްޔަތު ކޮމިޓީން މީގެ ކުރިން މަޖިލީހަށް ހުށަހެޅި ރިޕޯޓާ ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ބޮޑެތި މައްސަލަތަކެއް ދިމާވުމުގެ ސަބަބުން އެ ރިޕޯޓް އަލުން އިސްލާހު ކުރުމަށް ފަހުގަ އެވެ.


އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ކުރެއްވި މަސައްކަތަށް އެތައް ފަހަރަކު އެމްޑީޕީގެ މެންބަރުން ވަނީ ހުރަސް އަޅުއްވައިފަ އެވެ. އަދި އެ ރިޕޯޓް މަޖިލީހަށް ހުށަހެޅިގެން ކުރިއަށްދިޔަ ބަހުސްގައި، އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށާއި އެ ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ޢަލީ ރަޝީދު ޢުމަރު އައްޔަން ކުރުމަށް މާކްސް ދީފައި ވަނީ ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް ވެސް އެމްޑީޕީ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ. އަދި އެ މައްސަލަ ކޮމިޓީގައި ކުރިއަށްގެންގޮސްފައި ވަނީ ރަނގަޅަށްތޯ ބެލުމަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ވެސް ދަންނަވަމުން ގެންދެވި އެވެ. އަދި އެ މައްސަލައިގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ކޮމިޓީގެ މުގައްރިރު ހޯއްދަވަން ޖެހޭނެ ކަމަށާއި އެކަންތައްތައް ނުކުރައްވައި އެ ރިޕޯޓް މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް ކޮމިޓީގެ މުގައްރިރު އަހްމަދު ނާޒިމު ވިދާޅުވަމުން ގެންދެވީ، އެ ރިޕޯޓަކީ ރަނގަޅު ރިޕޯޓެއް ކަމަށެވެ. އަދި ކޮމިޓީންކުރި ދިރާސާއިން އަލީ ރަޝީދުގެ ނަންފުޅަށް ޖުމްލަ 75 ޕަސެންޓް މާކްސް ލިބިގެންނޫނީ އެ ނަން ފާސްކުރަން ނުފެންނަ ކަމަށް ކޮމިޓީން މަޖިލީހަށް ލަފާދިނުމަށް ނިންމާފައިވާ ކަމަށާއި އެ ނަންފުޅަށް ކޮމިޓީގެ މެންބަރުން ދެއްވި މާކްސްގެ ޖުމްލަ އަކީ 62 ޕަސެންޓް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލައިގައި މަޖިލީހުގެ ތަޅުން ހޫނުވެ މަޖިލިސް ކުރިއަށް ގެންދެވޭ ވަރުނުވުމުން އެ ރިޕޯޓް އަލުން އިސްލާހު ކުރުމަށް ކޮމިޓީން ނިންމެވީ އެވެ.


އަލީ ރަޝީދު އުމަރު އޮޑީޓާ ޖެނެރަލް ކަމަށް އައްޔަންކުރުމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އޭނާގެ ނަންފުޅު ޖޫން މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގައި ކުރިން ހުންނެވި، އިބްރާހިމް ނައީމުގެ މައްޗަށް އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ މަގާމުން އޭނާ ވަކި ކުރުމާ ގުޅިގެންނެވެ.


ޢަލީ ރަޝީދު ޢުމަރަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލިވާޕޫލުން އެކައުންޓެންސީ ރޮނގުން ބެޗްލާޒް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި އޭނާ އަކީ ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ޢަލީ ރަޝީދު މީގެ ކުރިން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމުގެ އިތުރުން އެ ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެންޓި-ކޮރަޕްޝަން ބޯޑުގެ އެކި މަގާމުތައް އޭނާ ވަނީ ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި، އެސައިންޓްމަންޓް އޮފިސަރު ކަމާއި އެސިސްޓެންޓް ޑިރެކްޓަރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެ އެވެ.