28 Nov 2013, 14:53
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް ސުޖާއު ހުސައިން މަގާމުން ވަކިކޮށްފި އެވެ.
އެލްޖީއޭގެ ބޯޑަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ހޮއްވަވާފައިވާ ސުޖާއު އެ އޮތޯރިޓީގެ ނައިބު ރައީސްގެ މަގާމުން ދުރުކުރީ އެލްޖީއޭގެ ބޯޑުން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި އެލްޖީއޭގެ ނައިބު ރައީސްކަމުން އޭނާ ދުރުކުރީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
އޭނާ މަގާމުން ދުރުކުރީ އަމިއްލަ މަސްލަހަތު އިސްކޮށް، މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ. އެ އޮތޯރިޓީގެ ހަތަރު މެމްބަރަކު ސޮއިކޮށް އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމެއް ބާއްވަން އެދުމުން ވެސް ބައްދަލުވުން ބޭއްވުމަށް އިންކާރުކޮށް "އަމިއްލަ މަސްލަހަތު" އިސްކޮށްފައިވާ ކަމަށާއި ބޯޑުން ނިންމަންޖެހޭ ކަންކަން ކުރުމުގައި އޭނާ އިހްމާލުވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އެލްޖީއޭގެ ނައިބު ރައީސް ސުޖާއު މަގާމުން ދުރުކޮށްފައި ވަނީ އެލްޖީއޭގެ ރައީސް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު އިންތިހާބު ކުރިފަހުންނެވެ.
އެލްޖީއޭގެ ނައިބު ރައީސްކަމުން ސުޖާއު ވަކިކުރި ބޯޑުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ އޮތޯރިޓީގެ ސީއީއޯ ޝުކުރީ އެވެ.