28 Nov 2013, 14:35
މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ނިންމަވާ ނިންމެވުންތައް ވެވަޑައިގެންނެވިހާ އަވަހަކަށް ތަންފީޒު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޒީރުންގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ މިއަދު ހެނދުނު ބޭއްވި އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ ހުރިހާ ވަޒީރުން ވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވުމަކީ މެނިފެސްޓޯގެ އެންމެ މުހިންމު މަގުސަދު ކަމަށާއި ސަރުކާރުން އެންމެބޮޑު އިސްކަމެއް ދޭނީ އިގުތިސާދީ ދާއިރާއަށާއި ޒުވާނުންނަށާއި އިޖްތިމާއީ ދާއިރާއަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ހަލުވިކުރަންޖެހޭ ކަމަށާއި ހިންގުން ހަލުވިވެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާތަން ފެނިގެންދިޔުމަކީ، ރައްޔިތުން ވަރަށް ބޮޑަށް އެދޭނެ ކަމެކެވެ. އަދި އެއީ ސަރުކާރަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެއް،" ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ތަފާތު ސިޔާސީ ޕާޓީތަކެއް ތަމްސީލުވެގެން ދިޔަ ކަމުގައިވިޔަސް މިއީ ކޯލިޝަން ސަރުކާރެއް ކަމަށާއި މި ކޯލިޝަންގެ ބަދަހިކަމަކީ މި ސަރުކާރުގެ ތެރެއިން ރައްޔިތުން އެދޭ ކަންތައްތައް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ފޯރުވައިދިނުން ކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުގެ މަސައްކަތްތަކަށް ބޭނުންފުޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވަޒީރުންނާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް ބޭއްވެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
މި ސަރުކާރަކީ ރައްޔިތުންގެ މަންދޫބުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގާތް ގުޅުމެއް ބާއްވަވަން ބޭނުންފުޅުވާ ސަރުކާރެއް ކަމަށް ވިދާޅުވެ މަޖިލީހުގެ މެންބަރުންނާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ބޭނުންވާ ކަންކަން ހަލުވިކަމާއެކު ކުރިއަށް ގެންދެވުމުގައި ކަމާބެހޭ ވުޒާރާތަކުގެ ފުރިހަމަ އެއްބާރުލެއްވުން އެފަރާތްތަކަށް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
މިއަދުގެ ޖަލްސާގައި އިގުތިސާދީ ދުވެލި ހަލުވިކުރުމުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށާއި އިޖްތިމާއީ ދާއިރާތަކުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މި ދާއިރާތަކަށް އިސްކަން ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިކޮނޮމިކް އެންޑް ޔޫތު ޑިވިޝަނަކާއި ސޯޝަލް ޑިވިޝަނެއް ވަނީ އުފައްދަވައިފަ އެވެ. މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމުގައި މި ދެ ޑިވިޝަންގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިކޮނޮމިކް އެންޑް ޔޫތު ޑިވިޝަން ހިނގަމުންދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށާއި އަދި ސޯޝަލް ޑިވިޝަން ހިނގަމުންދާނީ ސީދާ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ކަމުގައިވެސް ވިދާޅުވި އެވެ.