28 Nov 2013, 14:28
ޖިންސީ ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯ ކުރި ދެ ލޯބިވެރިޔަކު ދޮޅު އަހަރަށް ޖަލަށްލައި، 25 އެތި ފަހަރުން ތައުޒީރު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހ. އަގި އަސީލް އިސްމާއީލާއި މާލޭ ދަފްތަރު 1480 މަރިޔަމް ސަނާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ހުދުގިރިގޭގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގައި މަރިޔަމް ސަނާ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރި އިރު އެ ކޮޓަރި ތެރެއިން ފެނުނު ދެ ސީޑީގައި އެ ދެ މީހުން ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހުރި ކަމަށް ޑިޖިޓަލް އެނެލެސިސް ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް ސާބިތުވި ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން ހަ މަސް ދުވަހަށް ޖަލަށްލުމާއެކު 25 އެތި ފަހަރުން ތައުޒީރު ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އޮރިޔާންކާޑު އުފެއްދުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައި ވާތީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެ ދެ މީހުން އެއް އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
އެ ދެ މީހުންގެ ތެރެއިން އަސީލްއަކީ ބޮޑުތަކުރުފާނުމަގު އަތޮޅުވެހި ކައިރީގައި ހުރި މީހަކަށް 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ވަގުތެއްގައި ކަތިވަޅިއަކުން ހަމަލާދިން މައްސަލަ ޝަރީއަތަށް ސާބިތުވެފައިވާތީ ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ސަނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.