28 Nov 2013, 14:22
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ މ. ބަދުރު އަބްދުﷲ ރަޝާދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ 10:42 އެހައިކަންހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން އޭނާ ރާއްޖެ އައިރު ދިރުވާލައިގެން މަސްތުވާތަކެތީގެ 68 ބްލެޓް އެތެރެކުރި މައްސަލަ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އޭނާ އެތެރެ ކުރި ބްލެޓުތަކުގައި ޖުމްލަ 190.8950 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ. އެ ބްލެޓުތައް ނަގާފައި ވަނީ އޭނާ ބޮޑުކަމުދިޔަ އެއްޗިހީގެ ތެރެއިންނެވެ.
އަބްދުﷲ ރަޝާދު ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.