ނަން މަޝްހޫރު މޮބައިލް ފޯނު ކުންފުނި ނޮކިޔާއިން ދާދި ފަހުން ވަކިވި އިންޖިނިއަރުން ތަކެއް އެމީހުންގެ އަމިއްލަ ސްމާޓްފޯނެއް ތައާރަފް ކޮށްފި އެވެ.

މި ސްމާޓްފޯނަކީ ދުނިޔޭގައި މިހާރު އެންމެ ގިނައިންވިކެމުންދާ ފޯނުތަކާ ވާދަކޮށްލެވޭ ފޯނަކަށްވުމުގެ ފުރުސަތު އެބޮތްކަމަށް މާހިރުން ދެކެއެވެ. މި ގުރޫޕުގެ އައު ފޯނަށް ކިޔަނީ ޖޮލާ އެވެ.

ޖޮލާ ގައި ބޭނުންކޮށްފައި ވަނީ ކުރިން ނޮކިޔާއިން ހެދި މީގޯ އޮޕަރޭޓިން ސޮފްޓްވެއާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސެއިލްފިޝް ސޮފްޓްވެޔާ އެވެ.

އޯޕަންސޯސް (ކުރިއެރުވުމަށް އާއްމުކޮށް ފުރުސަތު ހުޅުވާލައިގެން އުފައްދާފައިވާ) ސޮފްޓްވެޔާ އެއްގެ ގޮތުގައި ނޮކިޔާއިން ކުރިއެރުވި މީގޯ ވަނީ 2011 ވަނަ އަހަރު އެ ކުންފުނިން ދޫކޮށްލާފައެވެ. އަދި އޭގެ ފަހުން ނޮކިޔާގެ ފޯނުތަކުގައި ބޭނުން ކުރަން ފެށީ މަޝްހޫރު މައިކްރޮސޮފްޓްގެ ވިންޑޯސް އޮޕަރޭޓިން ސޮފްޓްވެޔާއެވެ.

ޖޮލާ ސްމާޓްފޯނު ގައި ހިމެނޭ ކަންތައްތަކަށް ބަލާލާއިރު، އެ ފޯނަކީ 4.5 އިންޗި ތުނި، 8 މެގަ ޕިކްސެލްގެ ކެމެރާއެއް ހުންނަ، 4ޖީ ބާރުމިނުގައި އިންޓަނެޓް ލިބޭ އަދި ހިޔަރ (މިހާރު/މިތާންގައި) މެޕިންގް ސަރވިސް އެކުލެވިގެންވާ ފޯނެކެވެ. އަދި މި ފޯނުގައިވާ 16 ޖީބީ މެމޮރީގެ އިތުރުން އެސްޑީ ކާޑުވެސް ޖެހެއެވެ. ފޯނުގެ ބެޓަރީ ނަގާ ލެއްވޭއިރު، ގާތްގަނޑަކަށް 9 ގަޑީރާ 10 ގަޑީރާ ދެމެދުގެ ވަގުތަކަށް މެދުނުކެނޑި ވާހަކަ ދެއްކޭ ވަރަށް ބެޓަރީގެ ބާރު ހިފަހައްޓާނެ ކަމަށް ޖޮލާ ހަދާ ކުންފުނިން އިޝްތިހާރު ކުރެއެވެ.

ބަލާ ބެލުމަށް ނޮކިޔާގެ ލުމިޔާ ފޯނުތަކާ އެހާ ތަފާތު ނުވިޔަސް ނޮކިޔާ ފޯނުތަކާ ހިލާފަށް ޖޮލާގެ ސޮފްޓްވެޔާއަށް ގޫގުލްގެ އެންޑްރޮއިޑް ސިސްޓަމަށް ހަދާފައިވާ އެޕްލިޖޭޝަންތައް އެޅެއެވެ. މީގެ މާނައަކީ އެންޑްރޮއިޑްގެ 850،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ޖޮލާ ފޯނު ތަކަށް އެޅޭނެ އެވެ. އެއާ ހިލާފަށް އެޕަލްގެ އައިއޯއެސް އާއި މައިކްރޮސޮފްޓްގެ ވިންޑޯސް ފޯނުތަކަށް އެޅޭނީ ހަމަ އެކަނި އެ ފޯނުތަކަށް ހާއްސަ އެޕްލިކޭޝަންތަކެވެ.

ޖޮލާ ފޯނެއްގެ އަގަކީ 540 ޑޮލަރު، ނުވަތަ 8327 ރުފިޔާއެވެ. ބަޔެއް ފަރާތްތަކުން ދެކޭ ގޮތުގައި މިހާރު ދުނިޔޭގެ މޮބައިލް ފޯނު ބާޒާރުގައި އެންމެ އާއްމު ފޯނުތަކާ ޖޮލާ ފޯނާ މާ ބޮޑު ތަފާތެއް ނެތެވެ. އަދި ވާދަވެރި ސްމާޓްފޯނު ބާޒާރުގައި ޖޮލާއަށް ހިފަހައްޓާ ލެވޭނެ ކަމާމެދު ޝައްކުކުރާ މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް ޖޮލާ ކުންފު އުފެއްދި 4 މީހުންގެ ތެރެއިން އެކެއް ކަމަށްވާ މާކް ޑިލަންގެ އުއްމީދުތައް ވަރަށް ގިނައެވެ. މާކް ވަނީ ނޮކިޔާއަށް 11 އަހަރު ވަންދެން ހިދުމަތް ކޮށްދީފައެވެ. އޭނާ 2011 ވަނަ އަހަރު ނޮކިޔާއިން ވަކިވެ، އެމެރިޔާއަށް ދިރިއުޅުން ބަދަލުކޮށް، ޖޮލާ އުފެއްދުމުގެ މަސައްކަތް ފެށިއެވެ. މިހާރު ޖޮލާގެ ސޮފްޓްވެޔާ އުފައްދާ ކުރިއެރުވުމުގެ ވެރިއަކަށް ހުރި މާކް ބުނީ ޖޮލާ އަށް ލިބިފައިވާ އެންމެ ބޮޑު އެއް ފައިދާއަކީ ފޯނުގެ ސެއިލްފިޝް އޮޕަރޭޓިން ސިސްޓަމް އޯޕަންސޯސް ކޮށް ދުކޮށްލާފައި ވާކަމެވެ.

“އަހަރަމެން މި ފޯރުކޮށްދެނީ ދުނިޔޭގެ ފެންވަރުގެ އިހްތިޔާރެއް. އެއީ އެހެން އެއްޗެތި ގަންނަން ބޭނުން ނުވާ މީހުންނަށް، ވަރަށް އަވަހަށް ބަދަލުމުގެ ފުރުސްތު އޮތް، ވަރަށް ބާރުގަދަ އުފެއްދުމެއް،” މާކް ޑިލަން ބުންޏެވެ. “އަހަރަމެންގެ އޮޕްރޭޓިން ސިސްޓަމްގެ ވިޔަފާރިއަށް ވަރަށް ފުރުސަތު ބޮޑު. އެއީ ދުނިޔޭގައި މޮބައިލްފޯނު ހަދާ ކުންފުނިތަކަށް ބޭނުންކުރެވެން އޮތީ އެންމެ އެއްޗެއް. އެއީ އެންޑްރޮއިޑް،” ޖޮލާގައި އެންޑްރޮއިޑް އެޕްލިކޭޝަންތައް ހިންގޭތީ ލިބޭ ފައިދާއަށް ބާރުއަޅަމުން މާކް ޑިލަން ބުންޏެވެ.

މިދިޔަ ބުދަ ދުވަހު ޖޮލާގެ ފޯނުތައް ވިއްކަންފެށި ފިންލަންޑްގެ ޑީއެންއޭ ކުންފުނިން ބުނީ ފުރަތަމަ ދުވަހު 100 އަށް ވުރެ ގިނަ މީހުން ފޯނުގަތުމަށް ކިއުގައި ޖެހުނު ކަމަށެވެ. އަދި 136 ގައުމަކަކުން އެތައްހާސް ބަޔަކު ކުރިއާލާ ޕްރީއޯޑާ ކޮށްފައިވާ ކަމަށެވެ. އޯޑަރު އެންމެ ގިނައިން އައިސްފައިވަނީ ފިންލޭންޑް އިންނާއި އިންގިރޭސިވިލާތުން ކަމަށް ޑީއެންއޭ އިން ބުންޏެވެ.

ޖޮލާ ފޯނު ހަދާ ކުންފުނީގައި މިހާރު 100 އަށް ވުރެ ގިނަ މުއައްޒަފުން އެބަ ތިއްބެވެ. އަދި ފިންލެންޑް އާއި ހޮންކޮންގުގައި ކުންފުނީގެ އޮފީސްތައް ވަނީ ގާއިމު ވެފައެވެ. ޗައިނާ ފޯޗުން ހޯލްޑިންގްސް ލިމިޓަޑް ކިޔާ ކުންފުންޏަކުންނާ ހޮންކޮންގް އާއި ފިންލެންޑުގެ ކުންފުނި ތަކަކުން މިހާރު ވަނީ ޖޮލާއަށް ހަރަދުކުރަން އެއްބަސްވެފައި ކަމަށް މާކް ޑިލަން ބުންޏެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއެވެ.

ދުނިޔޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކަށް ލަފާދޭ ކުންފުންޏެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ލަންޑަން ކައިރީގައި ގާއިމުވެފައިވާ ސްޓްރެޓަޖީ އެނެލެޓިކްސް ގައި މަސަތްކަތް ކުރާ ނީލް މޯސްޓަން ދެކޭ ގޮތުގައި މިހާރު ދުނިޔޭގެ ނެންމެ ހިނގާ ދެ ސްމާޓްފޯނު، އަފޯނާއި ސެމްސަންގުގެ ގެލެކްސީ ސީރީސްގެ ފޯނުތަކުގެ ވިޔަފާރިއަށް އަސަރުކުރުވާވަރުގެ ހިއްސާއެއް ޖޮލާއަކަށް ނުލިބޭނެއެވެ. ނަމަވެސް ނީލް ބުނާގޮތުން އައިފޯނާ ސެމްސަންގް ގެލެކްސީއިން އަތްގަދަކޮށްފައިނުވާ ހިސާބެއްގައި ޖޮލާ އަށްވެސް ޖާގައެއް ލިބިދާނެއެވެ. ޖޮލާ ޖެހޭނީ، އިނގިރޭސިން ބުނާނަމަ، “ނީޝް މާކެޓެއް” ހޯދާށެވެ.

“އެންޑްރޮއިޑް އަދި އެޕަލްގެ ނޫން އެހެން ފޯނެއް ބޭނުންވެގެން ކޮންމެވެސް އިރަކުން މީހުން ހޯދަންފަށާނެ. އެހެންވީމާ ބުރުޖަހަމުންދާ މި މޮބައިލްފޯނު ބާޒާރުގައި ޖޮލާއަށް ވެސް ހިއްސާއެއް ލިބިދާނެ. އެކަމަކު އަހަންނަށް ހީވަނީ ފޯނުގެ ތިނެއް ނުވަތަ ހަތަރު ވައްތަރުގެ ވަރޝަން ހަދައިގެންހެން އެނގޭނީ، ޖޮލާ ނޫނީ ސެއިލްފިޝް އަކީ އެޕަލް އަދި އެންޑްރޮއިޑާ ވާދަކޮށްލެވޭވަރުގެ އެއްޗެއްތޯ،” ނީލް މޯސްޓަން ބުންޏެވެ.