28 Nov 2013, 14:10
ސެމީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބަލިކޮށް ގައުމީ އަންހެ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ސްޕޯޓްސް ކްލަބް ވެލޯޒިއާ ހޯދައިފި އެވެ.
މި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ވެލޯޒިޔާއިން ޑީއެސްސީ ބަލިކުރީ 3-2 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ސެޓް ޑީއެސްސީ ކާމިޔާބުކުރީ 29-27 އިންނެވެ. އެހެން ނަމަވެސް ވެލޯޒިޔާއިން ވަނީ ޖެހިގެންއައި ސެޓް 25-27 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ތިންވަނަ ސެޓް 25-19އިން ޑީއެސްސީ ކާމިޔާބުކުރުމުން ވެލޯޒިޔާއަށް ޕްރެޝަރު އިތުރުވެގެން ދިޔައެވެ. އެހެން ނަމަވެސް އެޓީމުން އިތު ހިތްވަރެއްލައި ހަތަރު ވަނަ ސެޓް 17-25 އިން ފަސޭހަ ކަމާއެކު ކާމިޔާބުކުރި އެވެ. އަދި ނަތީޖާ ނެރެން ކުޅުނު ފަހު ސެޓް ވެލޯޒިޔާ އަތުލީ 13-15 އިންނެވެ.
މުބާރާތުގެ ފައިނަލްގައި ވެލޯޒިޔާ ވާދަކުރަން ޖެހޭނީ މި މުބާރާތް ވޭތުވެދިޔަ ހަ އަހަރު ދުވަހު ކާމިޔާބުކުރި ތަޖުރިބާކާރު ޕޮލިސް ކްލަބާ އެވެ. އެ ޓީމް ފައިނަލުން ޖާގަހޯދީ އަންގާރަ ދުވަހުގެ ރޭ ނައިފަރު ޖުވެނައިލްސްއާ ވާދަކުރި މެޗު ސީދާ ތިންސެޓުން ކާމިޔާބުކޮށްގެން މުބާރާތުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4:30ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް މިއަދު ކުޅޭނެ އެވެ. އެގޮތުން ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ޑީއެސްސީއާއި ޔޫތު ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8:30ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަން ޕީކޭ އާއި ޕޮލިސް ކްލަބެވެ.