28 Nov 2013, 14:05
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އާ ސަރުކާރުން އިސްލާހުތަކެއް ގެނެސް މަޖިލީހަށް އެ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ދެ ފަހަރެއްގެ މަތިން ވިދާޅުވުމަށްފަހު، އަނެއްކާވެސް ބަޖެޓް އިސްލާހުތައް ފޮނުވުން ފަސްކޮށްފި އެވެ. ބަޖެޓް އިސްލާހުތައް މަޖިލީހަށް ފޮނުވުން ލަސްވަނީ ފިނޭންސުން ބަޖެޓަށް ގެންނަ އިސްލާހުތަކުގެ މަސައްކަތް ނުނިމޭތީ އެވެ.
ފިނޭންސް މިނިސްޓަރު ޖިހާދު "ސަން"އަށް މިއަދު ވިދާޅުވީ އާ ސަރުކާރުން އަންނަ އަހަރު ހަރަދު ކުރުމަށް ނިންމާފައިވާ ކަންކަމާ ގުޅިގެން ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި އެ ބަދަލުތަކާއެކު އަންނަ ހޯމަ ދުވަހު އިސްލާހުތަކަކާއެކު ބަޖެޓް މަޖިލީހަށް ފޮނުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ މަޖިލީހަށް ހުށަހަޅާފައިވާ 16.4 ބިލިއަން ބަޖެޓް އިސްލާހުތަކާއެކު، މިއަދު ހުށަހަޅާނެ ކަމަށެވެ. އޭގެ ކުރިން ވިދާޅުވެފައި ވަނީ މިހަފްތާގެ ހޯމަ ދުވަހު ހުށަހަޅުއްވާނެ ކަމަށެވެ. ޖިހާދު ވިދާޅުވީ އިސްލާހު ކުރި ބަޖެޓް މިއަދު މަޖިލީހަށް ހުށަނޭޅުނީ "ބަދަލުތައް ގެނެސް ނިންމާނުލެވޭތީ" ކަމަށެވެ.
މިނިސްޓަރު ކުރިން ވިދާޅުވީ އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވާ އިރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއް ބިލިއަން ހަރަދު ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ އިރު ސަބްސިޑީތައް އިތުރުކުރުމަކީ ހަރަދު ބޮޑުވާނެ ކަމެއް ކަމަށާއި އެހިސާބްތައް ހެދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ހުށައަޅާ ބަޖެޓް އިތުރު ވަގުތުގެ ފައިސާ ވެސް ފަސް ޕަސެންޓަށް ކުޑަކޮށްފައިވާ އިރު ނޮންޕުރެކްޓިސް އެލަވަންސް 35 ޕަސެންޓް ހިފަހައްޓާފައިވެ އެވެ. އަދި ސަބްސިޓީ ވެސް ޓާގެޓްކޮށްގެންދޭ ގޮތަށް ނިންމާފައިވާ އިރު އާ ޕީއެސްއައިޕީއެއް ބަޖެޓުން ހަރަދުކޮށްގެން ނުހިންގުމަށް ވަނީ ނިންމާފަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ރިޕޯޓް ނިމިގެން އަންއިރު ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކޮމެޓީ ވަނީ ނިންމާފަ އެވެ. އެގޮތުން ކުރީގެ ރައީސް ވަހީދުގެ ސަރުކާރުން ހުށަހަޅާފައިވާ 16.4 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަދަލު ގެނައުމުގެ ފުރުސަތު އާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރަށް ވަނީ ދީފަ އެވެ.