ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ސިވިލް ކޯޓުން ބުނީ މައްސަލަތައް ބަލައިގަތުން ފަސްކޮށްފައިވާއިރު އެ ކޯޓުގެ އެއް ސެކްޝަނުން ބަލަމުންދިޔަ ހުރިހާ މައްސަލަތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވެސް ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ޖަސްޓިސް ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ އެ ކޯޓުގެ ކައުންޓަރު އެ ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ބޭނުމަށް އެ ކައުންޓަރަށް ގިނަ ބަޔަކު އައިސް ތޮއްޖެހިފައިވުމުން އެ ކޯޓުން އެ ކައުންޓަރުގައި ދެމުންދިޔަ ޚިދުމަތްތައް ފޯރުކޮށްދެވޭފަދަ މާހައުލެއް ނެތް ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

"ޖަސްޓިސް ބިލްޑިންގެ ގްރައުންޑްފްލޯރގައި ހުންނަ، މިކޯޓުގެ އިދާރީ ކަންތައްތަކާއި، މިކޯޓަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރީކުރުމުގެ ކަންތައްތަކާއި، އަދި މި ކޯޓުގެ ޝަރީއަތް ކުރާ ސެކްޝަނެއްގެ މަސައްކަތް ހިނގަމުންދާ މިކޯޓުގެ ކައުންޓަރުގެ ބައެއް، މިކޯޓަށް ރަސްމީކޮށް އެންގުމެއްނެތި، އަދި މިވަގުތު މިކޯޓު ހިންގުމާ ހަވާލުވެހުރި ގާޒީއަށް ރަސްމީކޮށް އެންގުމަކާވެސް ނުލާ، ސީދާ ކޯޓުގެ މުއައްޒަފުންނަށް އަމުރުވެރިގޮތެއްގައި އަންގައި، ވަރަށް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ވަނީ ގެންގޮސްފައެވެ،" ސިވިލް ކޯޓުން ބުންޏެވެ.

މިކަމާބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ސިވިލް ކޯޓުގެ އެއްވެސް ކައުންޓަރެއް އެ ކޯޓުން ބޭނުންކުރަމުން ނުދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން ބޭނުންކުރަމުން ދަނީ ޖަސްޓިސް ބިލްޑިންގެ ތިރީގައި ހުރި ކައުންޓަރުތަކުގެ ތެރެއިން އެ ކޯޓަށް ދޫކޮށްފައިވާ ކައުންޓަރު އެކަނި ކަމަށެވެ.

މިދުވަސް ވަރު އެ ކައުންޓަރު ބޭނުންކުރަން ފަށާފައި ވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އަންނާތީ އެ ޚިދުމަތް ދިނުމަށް ކޯޓުގައި ޖާގަނެތުމުން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކައުންޓަރު ހުރި ސަރަހައްދުގައި ސިވިލް ކޯޓުން ފެންކޭސްތަކެއް ބަހައްޓާފައި ހުރުމުން އެތަކެތި އެތަނުން ދުރުކޮށްފައިވާ ކަމަށެވެ.

މިދުވަސްވަރު ގިނަ އަދެއްގެ ބަޔަކު ކުށުގެ ރެކޯޑު ސާފުކުރުމަށް އަންނަ ކަމަށާއި މިއަދު އެކަނިވެސް 800 އަށް ވުރެ ގިނަ މީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޯޓުން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ގިނަ ބަޔަކު އަންނާތީ ފަސޭހަކަމާ އެކު އެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.