ވެށިފަހި ޕްރޮގްރާމްގެ ދަށުން މައްސަލަ ޖެހިފައިވާ "ސީ" ކެޓަގަރީގައި ފުލެޓް ލިބޭ 304 މީހުންނާއެކު ފައިނަލް ލިސްޓް މިއަދު އާންމުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ވަނީ ސީ ކެޓަގަރީގެ ފައިނަލް ލިސްޓް މިއަދު ގެޒެޓް ކޮށްފަ އެވެ.

ސީ ކެޓަގަރީގައި ދޫކުރަން ހަމަޖައްސާފައި ވަނީ ހުޅުމާލެ އިން 275 ފުލެޓާއި މާލެ އިން 52 ފްލެޓެވެ. އޭގެ ތެރެއިން ޕޮއިންޓް އެއްވަރުވާ މީހުންގެ މެދުގައި ގުރުއަތުނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ސީ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ނެރުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މި މަހުގެ ހަތަރެއްގައި ފޮނުއްވި ޑްރާފްޓް ރިޕޯޓަށް ބެލުމަށްފަހު އިސްލާހު ކުރަންޖެހޭ ކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަންކަން އިސްލާހުކުރުމަށް ފަހުގައި ކަމަށެވެ.

އެ ލިސްޓުގައި އޭސީސީން އެ ފަރާތްތަކެއްގެ މަޢުލޫމާތު ޔަގީން ކުރުމަށް އަންގަވާފައިވާ ފަރާތްތައް ވަނީ ހިމަނާފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ފަރާތްތައް ހިމަނައިގެން ލިސްޓް ނެރެން ނިންމީ، އެ މަޢުލޫމާތު ޔަގީން ކުރުމަށް ވަގުތު ނަގާނެތީ އާއި އޭގެ ފަހުން ލިސްޓް ނެރޭނަމަ އިތުރަށް ލަސްވެ 2014 ވަނަ އަހަރުގެ ދިރާސީ އަހަރަށް ހުޅުމާލެއަށް ކިޔެވުން ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށާއި މައްސަލައެއް ނެތް ފަރާތްތަކާއި ވީހާ ވެސް އަވަހަށް ފްލެޓް ހަވާލުކުރުމުގެ ބޭނުމުގައި ކަމަށެވެ. ހައުސިން މިނިސްޓްރީން ބުނީ ލިސްޓުގައި އެ ފަރާތްތައް ހިމަނާފައިވިޔަސް އެ ފަރާތްތަކާއި ފުލެޓް ހަވާލު ކުރާނީ އޭސީސީން އަންގަވާފައިވާ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

ކެޓަގަރީ ސީގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ހިމެނި، ދާއިމީ ލިސްޓުގައި ނުހިމެނޭ ފަރާތްތަކާއި، ވަގުތީ ލިސްޓާއި ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލައި އަޅާފައިވާ ފިޔަވަޅާ މެދު ހިތްހަމަނުޖެހޭނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އެ މުއްދަތުގައި ހުށަހެޅޭ ޝަކުވާތައް ބަލައި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަން އިސްލާހު ކުރުމަށްފަހު އެއްވެސް މައްސަލައެއް ނެތް ފަރާތްތަކާއެކު އެގްރިމަންޓް ކުރުމުގެ ކަންކަން ވީހާވެސް އަވަހަކަށް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސީ ކެޓަގަރީއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އިއުލާންކޮށްފައި ވަނީ މިއަހަރުގެ މެއި 16 ވަނަ ދުވަހު އެވެ. އެއާއެކު އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބަލައި ފިޔަވަޅު އަޅަމުން ދަނިކޮށް ޖުލައި ހަތަރެއްގައި އޭސީސީން ވަނީ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އިޢުލާން ނުކުރުމަށް މިނިސްޓްރީއަށް އަންގާފަ އެވެ.