ވިލިމާލޭގެ ފްލެޓަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ހިފައިގެން ގެއެއްގައި ގެންގުޅުނު ބިދޭސީއަކު ފިލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ވިލިމާލޭގެ ގެއެއްގައި ގެންގުނު ބިދޭސީއަކު ފައިސާތަކެއް ވަގަށް ނަގައިގެން ފިލި ކަމަށް ބުނެ، ފުލުހުންނަށް މިއަދު ހުށަހަޅައިފައިވާ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެމައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވައްކަން ކޮށްގެން ފިލާފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު އަންވަރު 25، އެވެ.

ބިދޭސީ މީހާ ގެންގުޅުނު ގޭގެ މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ސަންއަށް ކިޔައިދިން ގޮތުގައި އެ މީހާ އެ ގެއިން ފިލައިގެން ދިޔައީ 1100 އެމެރިކާ ޑޮލަރާއި 2300ރ. އަދި 800 އިންޑިއަން ރުޕީސްގެ އިތުރުން ރަން އަނގޮޓިއެއް ވަގަށް ނަގައިގެނެވެ. އަދި އެ މީހާ ދިޔައީ އޭނާގެ ޕާސްޕޯޓް ވެސް ހިފައިގެން ކަމުގައި ވާތީ ރާއްޖެއިން ފިލައިގެން ގޮސްފާނެތީވެ އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ބައްޕަ ބޭސް ފަރުވާއަކަށް އިންޑިއާ އަށް ދިއުމަށްޓަކައި އެއްކޮށްފައިވާ ޑޮލަރު ކޮޅާ އެކު އެމީހާ އެފައިސާތައް ނަގައިފައިވަނީ، އެކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް މިވަނީ ލިބިފައި،" އޭނާ ބުންޏެވެ.

ބަންގްލަދޭޝްގެ މީހާ ރާއްޖެ ގެނެސްފައިވަނީ ގަވާއިދާ އެއްގޮތަށް އެގޭގައި ގެންގުޅޭ މަސައްކަތުގެ މީހެއްގެ ގޮތުގައި މީގެ ދެ މަސް ދުވަސް ކުރިން ކަމަށް ވެސް އެ މީހާ ބުންޏެވެ.

ރާއްޖެ ގެންނަ ބިދޭސީން ފިލާ މައްސަލަ އިތުރުވަމުން އަންނައިރު އެފަދަ ފަރާތްތައް ފިލައިގެން ގޮސް ގަވާއިދާ ހިލާފަށް އުޅެމުންދާ މައްސަލަތައް އިތުރުވަމުންދާ ކަން އިމިގްރާޝަނުން ވަނީ ފާހަގަކޮށްފަ އެވެ.