ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހަ މަސް ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އޭނާ ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ތަދައްޙުލްވުމަށް މަޖިލީހުގެ އިންތިޔާޒް ކޮމެޓީން ފާސްކޮށްފި އެވެ.

ހާމިދު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ތެރެއަށް މަޖިލިސް ވަނުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޔާޒް ކޮމެޓީން ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

މެންބަރު ހާމިދު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަށް މަޖިލީހުން ވަނުމަށް އެދި އިންތިޔާޒް ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވީ އެ ކޮމެޓީގެ މެންބަރު މާފަންނު އުތުދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ އެވެ. އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާއެވެ.

ކޮމެޓީން އެގޮތަށް ނިންމާފައި ވަނީ ކޮމެޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ހާމިދު ހުށަހަޅުއްވާފައިވާ މައްސަލައިގެ ތެރެއަށް މަޖިލީހުން ތަދައްޙުލް ވުމަށް އިމްތިޔާޒް ކޮމެޓީން ނިންމާފައި މި ވަނީ ހާމީދު ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް މީގެ ދެ ދުވަސް ކުރިން ހައި ކޯޓުން ނިންމާލާފައިވަނިކޮށެވެ.

ހައި ކޯޓުން މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ މައްސަލައިގެ ހުކުމް އިއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.

ހާމިދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ރަދައްޙުލް ވުމަށް އިންތިޔާޒް ކޮމެޓީން ނިންމި ކަމުގައިވީ ނަމަވެސް އެ ކަމަށް ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހާމިދު ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ، ހާމިދު ކޯޓަށް ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އޭނާގެ ގެއަށް ކޯޓު އަމުރު ހިފައިގެން ދިޔަ ދުވަހަކު ކޯޓު އަމުރާ ހަވާލުވުމަށް އެގެއިން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ރެއިން ފެށިގެން ހާމިދު އިންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާތެރޭގައި ކޯޓަށް ފިއްލަވައިގެނެވެ.