28 Nov 2013, 12:17
މިދިޔަ އަހަރު އާސަންދާގެ ހިދުމަތް ދިނުމަށް ދައުލަތުން 782 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕުލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕުލޭނިންގެ ތަފާސް ހިސާބްތަކަށް ބަލާއިރު ޖުމުލަ 275175 މީހެއްގެ ބޭސް ފަރުވާއަށް އާސަންދާގެ ފަރާތުން ވަނީ މިދިޔަ އަހަރު 782126477ރ. ހަރަދުކޮށްފައެވެ. ދެހާސް އެގާރަވަނަ އަހަރު އާސަންދައިން ކޮށްފައިވާ ހަރަދުތަކުގެ ތަފާސް ހިސާބްތައް ނޭންގޭތީ އަޅާކިޔޭގޮތެއް ނުވި އެވެ. އަދި ސިއްހީ ކަންކަމުގައި ކުއްލި ހާލަތުގައި ދޭ އެހީގެ ގޮތުގައި 14 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.
ތަފާސް ހިސާބްތަކަށް ބަލާއިރު އެކަނިވެރި މައިންނަށް މިދިޔަ އަހަރު ވަނީ ދައުލަތުން 62 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ 2011 ވަނަ އަހަރާއި އަޅާބަލާއިރު 18 މިލިއަން އިތުރު އަދަދެކެވެ. އަދި އެހެންމީހުންގެ ދަރިން ބަލާތީ ދޭ އެލަވެންސްގެ ގޮތުގައި 648500ރ. ހަރަދުކޮށްފައިވެ އެވެ. ދައުލަތުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްގެ ގޮތުގައި 109 މިލިއަން ރުފިޔާ މިދިޔަ އަހަރު ހަރަދުކޮށްފަ އެވެ. އެއީ 2011 ވަނަ އަހަރާއި އަޅާބަލާއިރު 30 މިލިއަން އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ދައުލަތުން ޕެންޝަނަށް 676 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 421 މިލިއަން ރުފިޔާ ދީފައިވާ ފިރިހެނުންނަށެވެ. އަދި 255 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ އަންހެނުނަށެވެ. އެހެންކަމުން ޕެންޝަނަށް ހަރަދުކުރި މިންވަރު ވަނީ 2011 ވަނަ އަހަރާއި އަޅާބަލާއިރު 14 މިލިއަން އިތުރުވެފަ އެވެ.