އިޓަލީގެ ބޮޑުވަޒީރުކަމުގެ މަގާމު ތިން ފަހަރެއްގެ މަތީން ކުރައްވައިފައި ވާ ސިލްވިއޯ ބެރްލުސްކޯނީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މަތީގެ ކަމަށް ވާ ސެނެޓުގެ މެންބަރުކަމުން ވަކި ކޮށްފިއެވެ. ބެރްލުސްކޯނީ ސެނެޓުން ބޭރު ކުރެވިފައި ވަނީ ވާރަށް މަކަރު ހެއްދެވި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ވުމާ ގުޅިގެންނެވެ.

ސެނެޓުގެ މެންބަރުކަމުން ބެރްލުސްކޯނީ ވަކި ކުރެވިފައި ވަނީ އިއްޔެއެވެ. އޭނާ މަގާމުން ވަކި ކުރުމަށް ސެނެޓަށް ހުށަހެޅުނު ހުށަހެޅުމަކާ ވިދިގެން، ސެނެޓުގައި ތިއްބެވި އޭނާއަށް ވަފާތެރި ބޭފުޅުން ވަނީ އެކަމާ ދެކޮޅަށް އެތައް ޒުވާބުތަކެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް މި ހުރިހާ ޒުވާބުތަކަށް އިންކާރު ކުރެއްވުމަށް ފަހު، ސެނެޓުގެ ރައީސް އިއުލާން ކުރެއްވީ ސެނެޓުގެ މެންބަރުކަމުގެ ޝަރުތެއް ބެރްލުސްކޯނީގެ ކިބައިން އުނި ވުމުގެ ސަބަބުން، މަގާމުގައި ދެން ދެމިނުހުންނެވޭނެ ކަމަށެވެ.

އުމުރުން 77 އަހަރުގެ ބެރްލުސްކޯނީގެ ސެނެޓު ގޮނޑި ގެއްލުނު ނަމަވެސް، އޭނާގެ ސިޔާސީ ކެރިއަރު އަދި ނިމުމަކަށް ނާންނަ ކަމަށް އިޓަލީގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބެރްލުސްކޯނީއަށް ތާއީދު ކުރާ އެތައް މިލިއަން ބަޔަކު އިޓަލީގައި ތިބި އިރު، އޭނާ މިހާރު ވަނީ އޭނާގެ ސިޔާސީ ޕާޓީ "ފޯރްޒާ އިތާލިއާ" އަލުން އެކުލަވައިލައްވައި، ޕާޓީގެ ހަރަކާތްތައް ކުރިޔަށް ވުރެ ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ފައްޓަވައިފައެވެ.

އިއްޔެގެ ވޯޓުގެ ކުރީން ވެސް ބެރްލުސްކޯނީ ވަނީ އޭނާއަށް ތާއީދު ކުރާ އެތައް ހާސް ބަޔަކާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން "މިއަދަކީ ޑިމޮކްރަސީއަށް އައި އަނދިރި ދުވަހެއް" ކަމަށް ވިދާޅުވެފައެވެ.