28 Nov 2013, 11:50
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެ އޮތޯރިޓީގެ ރައީސަކަށް ހޮއްވަވައިފި އެވެ.
ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް، އެލްޖީއޭގެ ރައީސަކަށް ނާޒިމް ހޮއްވެވީ މިއަދު ހެނދުނު 10:00 ފެށި އެ އޮތޯރިޓީގެ ބޯޑު މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ނިމިދިޔަ ދެ ސަރުކާރުގައި ވެސް އެލްޖީއޭގެ ރައީސަކަން ހޮވިވަޑައިގެންފައި ވަނީ ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ވަޒީރެކެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ދަށުން ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭގެ ފަރާތުން ޖަވާބުދާރީވާންޖެހޭނީ އެ އޮތޯރިޓީގެ ބޯޑަށް ރައީސް އައްޔަން ކުރައްވާ ވަޒީރެވެ.