28 Nov 2013, 11:17
އަސްކަރީ ބަޣާވާތެއްގައި ވެރިކަމުން ދުރު ކުރެވިފައި ވާ މިޞުރުގެ އިސްލާމީ ރައީސް ޑރ. މުޙައްމަދު މުރްސީއަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި ބައިވެރި ވި ކަމުގެ ކުށުގައި، ސާދަ އަންހެނަކު އެގާރަ އަހަރުގެ މުއްދަތަށް ޖަލަށް ލާން މިޞުރުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ. އޭގެ ތެރޭގައި ޢުމުރުން ފަނަރަ އަހަރުގެ އަންހެން ކުއްޖަކާ އެކު، ކުޑަކުދީން ކަމަށް ބެލެވޭ އުމުރުގެ ހަތް ކުދީން ވެސް ހިމެނެއެވެ.
މި ހުރިހާ އެންމެންނަކީ ވެސް މިޞުރުގެ އިސްކަންދަރިއްޔާއިން ހައްޔަރު ކުރެވުނު މީހުންނެވެ. އެމީހުންގެ މައްޗަށް މިޞުރުގެ ކޯޓަކުން ޙުކުމް ކޮށްފައި ވަނީ އިއްޔެއެވެ.
ޙުކުމް ކުރެވުނު ކުޑަކުދީން ލެވޭނީ "ކުޑަކުދީންނަށް ޚާއްސަ ޖަލަކަށް" ކަމަށް ކޯޓުގެ ޙުކުމުގައި ވެއެވެ.
ސާދަ އަންހެނުންގެ އިތުރުން، ހަ ފިރިހެނެއްގެ މައްޗަށް ވެސް ކޯޓުން އިއްޔެ ވަނީ ޖަލުޙުކުމް އިއްވައިފައެވެ. އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ އިސް މުޙައްރިކުންގެ ތެރޭގައި ހިމެނޭ އެ ހަ މީހުންގެ މައްޗަށް ވެސް އިއްވުނީ ފަނަރަ އަހަރު ދުވަހުގެ ޖަލުޙުކުމެވެ. އެ އެންމެންގެ ވެސް ކުށަކީ "ޓެރަރިސްޓް ޖަމާޢަތެއް" ގެ މެންބަރުން ކަމުގައި ވުމެވެ. ކޯޓުގެ ޙުކުމުގައި އެ ޓެރަރިސްޓް ޖަމާޢަތަކީ ކޮބައިކަން ބުނެފައެއް ނުވެއެވެ.
މިޞުރުގެ ވެރިކަމާ ޙަވާލުވެގެން އޮތް ސަރުކާރުން މިހާރު ވަނީ މުޒާހަރާ ކުރުން ވަރަށް ބޮޑަށް މަހުދޫދު ކުރާ ގާނޫނެއް ވެސް ފާސް ކޮށްފައެވެ. އެ ގާނޫނު ބުނާ ގޮތުން، އެއްވެސް މުޒާހަރާއެއް ކުރެވޭނީ ތިން ދުވަސް ކުރީން ލިޔުމުން ހުއްދަ ހޯދައިގެންނެވެ.އިއްޔެ ބޭއްވުނު ނޫސް ކޮންފަރެންސެއްގައި، ވެރިކަން ހިންގާ ސަރުކާރުގެ ބޮޑުވަޒީރު ހާޒިމް އަލްބިބްލާވީ ވިދާޅުވެފައި ވަނީ މުޒާހަރާ ކުރުން މަޙުދޫދު ކުރުމުގެ ގޮތުން ހެދުނު ގާނޫނަކީ "ކޮންމެހެން އަޅާން ޖެހޭ ފިޔަވަޅެއް" ކަމަށެވެ.
"ކެބިނެޓުން ވަނީ މި ގާނޫނު ފުރިހަމަޔަށް ތަންފީޒު ކުރާނޭ ކަމުގެ ޔަގީންކަން ދީފައި. ބޭނުމަކީ، ޓެރަރިޒަމާ ދެކޮޅަށް އަހަރެމެން މި ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ ތާއީދު ފުލުހުންނަށް އެބައޮތްކަން ކަށަވަރު ކޮށްދިނުން. މި ގާނޫނު ބަދަލު ކުރެވިދާނެ ފަހުން. އެކަމަކު އެކަން ކުރެވޭނީ ކަނޑައެޅިފައި އޮންނަ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން." ބިބްލާވީ ވިދާޅުވިއެވެ.
މުޒާހަރާ ކުރުން މަހުދޫދު ކުރާ އައު ގާނޫނާ މެދު، މިޞުރުގައި ވެރިކަން ކުރާ އަލްމާނީ ލީޑަރުންނަށް ތާއީދު ކުރާ އަލްމާނީ ފިކުރުގެ ބައެއް ޖަމާޢަތްތައް ވެސް ހިތްހަމަނުޖެހިފައި ތިބި ކަމަށް ޚަބަރު ލިބެއެވެ. އަލްޖަޒީރާގެ މުރާސިލުން ބުނާ ގޮތުގައި، ރައީސް މުރްސީގެ ސަރުކާރު ވައްޓައިލުމަށް ޓަކައި ނުކުތް "ތަމައްރުދް" ޙަރަކާތުގެ ބައެއް ލީޑަރުން ވެސް ވަނީ މި ގާނޫނަކީ މިނިވަންކަމަށް މާބޮޑަށް ހުރަސް އަޅާ ގާނޫނެއް ކަމަށް ބުނެފައެވެ.