ޖަރުމަނުގެ ބަޔާ ލެވަކޫސަން 5-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޔުނައިޓެޑަށް 11 ޕޮއިންޓް ލިބިފައިވާއިރު، އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް 4-0 އިން ބަލިކޮށް ޔޫކްރެއިންގެ ޝަކްތާ ޑޮނެޓްސްކް އޮތީ އަށް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގަ އެވެ. ޔުނައިޓެޑް އަތުން ބަލިވެ ގްރޫޕްގެ ތިން ވަނައިގައި ލެވަކޫސަން އޮތީ ހަތް ޕޮއިންޓާ އެކު އެވެ.

ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ކުޅެ އެޓީމު އަތުން ރޭ ޔުނައިޓެޑް މޮޅުވި މެޗަކީ 1964 ވަނަ އަހަރު ބޮރޫޝިއާ ޑޯޓް މަންޑް އަތުން 6-1ގެ ތަފާތު ބޮޑު ނަތީނާއަކުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ރަށުން ބޭރުގައި މިފަދަ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1992 ވަނަ އަހަރު ޗެމްޕިއަންސް ލޯންޗު ކުރިފަހުން ޖަރުމަނުގައި އިނގިރޭސި ކްލަބެއް ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

މި މެޗުގެ 22 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލެވަކޫސަންގެ ގޯލް ހުޅުވާލަ ދިނީ އެންޓޯނިއޯ ވެލެންސިއާ އެވެ. އެ ޓީމުގެ ދެވަނަ ލަނޑަކީ ލެވަކޫސަންގެ އެމިރު ސްޕެހިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނީ އިވާންސް އެވެ. އޭގެ 10 މިނިޓް ފަހުން ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު ކްރިސް ސްމޯލިން ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ ފަހުލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވަން ދަނިކޮށް ކާމިޔާބުކޮށްދިނީ ނާނީ އެވެ.

ރޭގެ މެޗުން ލެވަކޫސަން ބަލިވި ނަމަވެސް އެޓީމަށް ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ. ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅޭ ފަހު މެޗުގައި ސޮސިއެޑާޑް އަތުން މޮޅުވެ ޔުނައިޓެޑާއި ޝަކްތާ ބައްދަލުކުރާ މެޗުން ޝަކްތާ ބަލިވެ ނުވަތަ އެއްވަރުވި ނަމަވެސް ދެވަނަ ބުރުން ލެވަކޫސަން އަށް ޖާގައެއް ލިބޭނެ އެވެ.

މި ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުވާނީ، ޔުނައިޓެޑާއި ޝަކްތާ ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އެ މެޗުން އެންމެ ޕޮއިންޓެއް ހޯދި ނަމަވެސް ޔުނައިޓެޑަށް ގްރޫޕްގެ އެއްވަނަ ލިބޭނެ އެވެ.