28 Nov 2013, 10:56
ގދ. އަތޮޅުގެ ރަށެއްގައި އިން ގުރައެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ކޯޓް އަމުރެއްގެ ދަށުން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ "އެފްރިކަން ގުރޭ" އެކެވެ.
އަޕަސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލެއިން ވަގަށް ނަގައިގެން އެގުރާ ވިއްކަން އުޅޭ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެގުރާގެ ވެރި ފަރާތް ކަމަށް ދެ ފަރާތަކުން އަންނަނީ ދައުވާ ކުރަމުންނެވެ. އެގޮތުން އެއްފަރާތަކުން ބުނެފައިވަނީ އޭނާ އެގުރާ 10 އަހަރު ދުވަސް ވަންދެން ގެންގުޅެމުން ދަނިކޮށް ބަޔަކު ވަގަށް ނެގީ ކަމަށެވެ.
އަދި އެ ގުރާ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭތި ގެންގުޅެމުންދިޔަ ފަރާތުން ބުނެފައިވަނީ އެގުރާއަކީ އޭނާއަށް މީހަކު ދިން ގުރައެއް ކަމަށެވެ.
ގުރާގެ ވެރިފަރާތެއް ހޯދުމަށް މާލޭގައި ތިބި ފުލުހުންނާއި ތިނަދޫގައި ތިބި ފުލުހުން ގުޅިގެން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޝިޔާމް ވިދާޅުވީ އެ ގުރައާމެދު އަމަލު ކުރާނެ ގޮތެއް އެނގޭނީ ތަހުގީގު ކުރިއަށްދާ ގޮތަކުން ކަމަށެވެ. އެހެން ނަމަވެސް އެގުރާ ގެންދިޔައީ ކޮން ރަށަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ތިނަދު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގުރައެއް ގެންގޮސްފައިވާއިރު، ނ. ކެނދިކުޅުދޫ ގެއެއްގެ ތެރޭ "ހައްޔަރު"ކޮށްގެން ގެންގުޅުނު 10 ދޫންޏަކަށް އެ އަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ވަނީ ހިމާޔަތް ދީފައެވެ.