ވިލިމާލޭގައި އިއްޔެ އާއި ރޭ ހިންގި ގްރޫޕް މާރާމާރީތަކަކާ ގުޅިގެން ފުލުހުން 12 މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ އިއްޔެ އާއި ރޭ ހިންގި ދެ މާރާމާރީއަކީ ގުޅުން ހުރި ދެ މާރާމާރީ ކަމަށް ބެލެވޭ ކަމަށާއި ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ރޭ ހިންގި މާރާމާރީ ކޮންޓްރޯލް ކުރުމަށް މާލޭން ފުލުހުންގެ ޓީމެއް ވިލިމާލެއަށް ގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.


ވިލިމާލޭގައި އިއްޔެ އާއި ރޭ ހިނގި އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ މުޅިންވެސް އުމުރުން 18 އަހަރުން މަތީގެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.


ރޭ ހިންގި އެ މާރާމާރީގައި ތޫނު ހަތިޔާރުގެ ބޭނުން ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށާއި އަދި ހައްޔަރުކުރި މީހުންގެ އަތުން ވެސް އެފަދަ އެއްވެސް ތޫނު ހަތިޔާރެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.