ސީއެސްކޭއޭ މޮސްކޯ އަތުން 3-1 އިން މޮޅުވެ، ބަޔާން މިއުނިކް ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 10 މެޗުން މޮޅުވުމުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

މޮސްކޯގެ ގަދަ ފިނީގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގެ މެޗުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މިހާރު އޮތީ 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމްގަ އެވެ. ދެވަނަ މަގާމްގައި 12 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތް އިރު މި ދެޓީމު ވެސް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފަ އެވެ.

ރޭގެ މެޗުގައި ބަޔާންއަށް ކުރި ހޯދައިދިނީ މެޗުގެ 17 ވަނަ މިނިޓްގައި އާރްޔަން ރޮބޭން އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ 56 ވަނަ މިނިޓްގައި މާރިއޯ ގޮޓްޒާ އެވެ.

އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުހިމަނައި ރޭގެ މެޗަށް ނުކުތް ބަޔާންގެ ކޮޅަށް ސީއެސްކޭއިން ލަނޑު ޖެހީ 62 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެއިސޫކޭ ހޮންޑާއެވެ. މެޗުގެ ދެވަނަ ހާފްގެ ކުރީ ކޮޅުގައި ހޮންޑާ ވަނީ ބަޔާން ކޮޅަށް ލަނޑު ޖަހާނޭ ރަނުގެ ދެފުރުސަތު ލިބުނު ނަމަވެސް ބޭކާރު ކޮށްލާފަ އެވެ.

ސީއެސްކޭއޭ ބަޔާންގެ ގޯލަށް ޕެނަލްޓީއަކުން ލަނޑު ޖެހިތާ ތިން މިނިޓްފަހު ބަޔާން އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ތޯމަސް މުލާ އެވެ.

ގްރޫޕް ޑީގެ ތިންވަނައިގައި 3 ޕޮއިންޓާއެކު އޮތް ސީއެސްކޭއޭ އަށް ޔޫރޮޕާ ލީގުން ޖާގައެއް ކަށަވަރު ކުރަން ބޭނުންނަމަ އެޓީ ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗުގައި ވިކްޓޯރިއާ ޕްލެޒަން އަތުން ބަލިނުވެ ހިފަހައްޓަން ޖެހޭނެ އެވެ.

މި ގްރޫޕްގެ އެއްވަނަ ޓީމެއް ޔަގީން ވާނީ، ގްރޫޕް ސްޓޭޖްގައި ބަޔާން މިޔުނިކާއި މެންޗެސްޓާ ސީޓީ ބައްދަލުކުރާ މެޗުގެ ނަތީޖާއަށް ފަހު އެވެ.