ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއްގެ ގޮތުގައި ގާނޫނީ ވަކީލް ޝަމްސުލްފަލާހު އައްޔަން ކުރައްވައިފި އެވެ.

ޝަމްސުލްފަލާޙަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ސެކަރެޓަރީ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ އެ މަގާމުން ވަކިކުރައްވައި އެ މަގާމަށް ވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު ބިޝާމް އައްޔަން ކުރައްވާފަ އެވެ.

ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ޝަމްސުލްފަލާހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ރައީސް އޮފީހުގައި ކުރައްވައި، މަގާމުގެ ފަތްކޮޅާ ހަވާލުވެވަޑައިގެންފަ އެވެ. ޝަމްސުލްފަލާހަކީ ސިފައިންގެ ކުރީގެ ލެފްޓިނެންޓެކެ އެވެ.

ޖޭއެސްސީއަށް ރައީސްގެ މެންބަރެއްގެ ގޮތުގައި ރައީސް ވަހީދުގެ ސަރުކާރުގައި ކުރިން ހުންނެވީ ލަތީފާ ގާސިމެވެ.