27 Nov 2013, 23:56
އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ތައްޔާރުކުރަމުން ގެންދާ ސައޮޕޯލޯ ސްޓޭޑިއަމްގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ އެވެ.
ސައޮޕޯލޯ ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ކުރުމުގައި ބޭނުންކުރަމުން ގެންދިޔަ ކްރޭން އެއް ވެއްޓިގެން ބުދަ ދުވަހު ހިނގި އެ ހާދިސާގައި ސްޓޭޑިއަމްގެ އޮނިގަޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ހިތާމަވެރި ހާދިސާގައި މަދުވެގެން ތިން މީހުން މަރުވެފައިވެ އެވެ.
ޔޫރޯ ސްޕޯޓްސްގައި މިރޭ ބުނެފައި ވަނީ ސައޮޕޯލޯ މިލިޓަރީ ޕޮލިހުގެ ސްޕޯކްސްވުމަން ވެސް ވަނީ، އެހާދިސާގައި ބަޔަކު މަރުވެފައިވާ ކަން ކަށަވަރު ކޮށްދީފައި ކަމަށެވެ.
އަންނަ މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވާ ސައޮޕޯލޯ ސްޓޭޑީއަމް އަކީ 2014 އަހަރުގެ ވޯލްޑް ކަޕް ހުޅުވާ މެޗާއި އަދި އިތުރު ފަސް މެޗު ކުޅުމަށް ހަމަޖެހިފައިވާ ތަނެވެ.
ބްރެޒިލްގައި އަންނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ތައްޔާރުވަމުންދާއިރު ފީފާއިން ކަނޑައަޅާފައިވާ ޓައިމް ލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާތީ މިހާރު ވެސް އެ ގައުމަށް ވަނީ ފާޑުކިޔުންތައް ކުރިމަތިވެފަ އެވެ.
ސައޮޕޯލޯ ސްޓޭޑިއަމްގައި ހިނގި ނުރައްކާތެރި އެ ހާދިސާގައި ބައެއްގެ ފުރާނަ ގެއްލިފައިވާތީ ފީފާގެ ރައީސް ސެޕް ބްލެޓާ ވަނީ، އެ ހާދިސާއާ ގުޅިގެން ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސައޮޕޯލޯ ސްޓޭޑިއަމްގެ އާ ޓާމިނަލްއާއި ސައޮޕޯލޯގެ އިންޓަނޭޝަނަލް އެއާޕޯޓާއި އަދިވެސް އެފަދަ ބޮޑެތި މަޝްރޫއުތައް މުބާރާތުގެ ކުރިން ނިންމުމަށް އެކަމާ ހަވާލުވެފައިވާ ފަރާތްތަކުން ގެންދަނީ، 24 ގަޑިއިރު މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ.
ސައޮޕޯލޯ ސްޓޭޑިއަމް ނުވަތަ އާންމު ނަމުންނަމަ ކޮރިންތިއާންސް އެރީނާގެ ބިނާކުރުމުގެ މަސައްކަތާ ހަވާލުވެގެން އުޅޭ ބްރެޒިލްގެ ކުންފުނިން ބުނީ އެ ހާދިސާ ހިނގިއިރު ސްޓޭޑިއަމްގެ 94 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.