27 Nov 2013, 23:52
އަންނަ އަހަރުގެ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ސީޝެލްސްއަށް ކުރާދަތުރުގައި ކުޅުނު އެކުވެރި ކަމުގެ ދެވަނަ މެޗުގައި މިރޭ ސީޝެލްސްގެ ގައުމީ ޓީމް އަތުން 3-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސީޝެލްސް އިން ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް އެހާފް ނިމުމުގެ ކުރިން ރާއްޖޭ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެހެން ނަމަވެސް ސީޝެލްސްއިން ވަނީ ފަހުހާފުގައި ރާއްޖެ ކޮޅަށް އިތުރު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ސީޝެލްސްގައި ރާއްޖެ ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭ އެގައުމުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު އަތުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފަ އެވެ. އެމެޗުގައި ވެސް ރާއްޖޭ ޓީމަށް ލަނޑު ޖަހައިދިނީ ދަގަނޑޭ އެވެ.
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ރާއްޖެ އާއި ސީޝެލްސް ވާދަކޮށްފައިވާ އިރު އޭގެ ތެރެއިން ދެ ފަހަރު ރާއްޖެ ވަނީ ސީޝެލްސްގެ މައްޗަށް ކުރި ހޯދާފަ އެވެ. އެގޮތުން ރާއްޖޭގައި މި ދެ ޓީމު ވާދަކުރި ދެމެޗުން އެއް މެޗު 3-0 އިން އަދި އަނެއް މެޗު 2-1 އިން ރާއްޖެ ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސްއިން ރާއްޖެ މައްޗަށް ކުރިހޯދީ 5-1 އިންނެވެ.
އިންޑޮނީޝީއާގައި މިމަހުގެ 20 އިން 24 އަށް ކުރިއަށް ގެންދިޔަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުނު ސީނިއާ ޓީމުގެ ކުޅުންތެރިން މިހާރު އެ ޓީމާ ގުޅިފައިވާއިރު ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅޭ އެކުވެރިކަމުގެ ފަހު މެޗު އޮންނާނީ ހުކުރު ދުވަހު އެވެ.
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ޗެލެންޖް ކަޕުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ، އަފްޣާނިސްތާނާއި ފަލަސްތީނާއި މިޔަންމާ އާއި ކިރުގިސްތާނާއި ތުރުކުމެނިސްތާނާއި ފިލިޕީންސާއި އަދި ލާއޮސް އެވެ.