ވަޒީރުންގެ މަޖިލީހުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަށްވާފައިވާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިން އެ އޮތޯރިޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ރާއްޖޭގެ ނޫސްވެރިންނަށް މިރޭ ދެއްވި ފަރިއްކޮޅެއްގެ ހަވާސާގައި އެމަނިކުފާނަށް "ސަން"އިން ކުރި ސުވާލެއްގެ ޖަބާބުގައި ވިދާޅުވީ މާދަމާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ އެލްޖީއޭގެ ބައްދަލުވުމުގައި ރައީސްކަމުގެ މަގާމަށް ކުރިމަތި ލައްވާނޭ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން އެބަ ހުރި އެލްޖީއޭގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާން،" ނާޒިމް ސަން އަށް ވިދާޅުވި އެވެ.

ނިމިދިޔަ ދެ ސަރުކާރުގައި ވެސް އެލްޖީއޭގެ ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީއަށް އައްޔަން ކުރެއްވި ވަޒީރެކެވެ.

ލާމަރުކަޒީ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނަނީ އެލްޖީއޭގެ ރައީސާއި ނައިބު ރައީސް ހޮވާނީ އެ އޮތޯރިޓީގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.

ނާޒީމް މިރޭ ވިދާޅުވީ، އެލްޖީއޭއަކީ މިނިވަން މުއައްސަސާއަކަށް ވާއިރު އެތަނަކީ ބާރުވެރި ތަނަކަށް ވާންޖެހޭ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށާއި އެލްޖީއޭއަށް ލިބެންޖެހޭ ބާރުތައް ހޯދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށެވެ.

"މިހާރު އެލްޖީއޭގެ މިސާލަކީ، ދަތްނެއް މިޔަރެއްގެ މިސާލު. ލާމަރުކަޒީ ނިޒާމާ ބަލަހައްޓަން ޖެހެނީ އެލްޖީއޭއިން. އެކަމަކު ކައުންސިލުތަކަށް ފާރަވެރިވެ ކަމެއް ކުރުމުގެ ބާރެއް ގާނޫނުން އެހާ ބޮޑަކަށް ނުލިބޭ. އެކަމަކު ކައުންސިލްތަކުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމަނީ އެ ކައުންސިލަކުން އަމިއްލައަށް. ގަވާއިދާއި އުސޫލުތަކާއި އެއްޗެހި ހަދަނީ އެ މީހުން އައްމިލައަށް،" މިރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލުން ރަށްތަކާއި އަތޮޅުތައް ހިންގުމުގައި އޭގެ އެންމެ ރަނގަޅު ފައިދާ ރައްޔިތުންނަށާއި ދައުލަތަށް ވެސް ކުރާނެ ގޮތަށް ކަންކަން ރޭވިފައި އޮންނަން ޖެހޭނޭކަން ފާހަގަ ކުރައްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކުގައި މަސްއޫލިއްޔަތުތަކެއް ނެތި ގިނަ އަދަދެއްގެ މެންބަރުން ތިބުމަކީ ދައުލަތަށް އޭގެ ބުރަ އިންތިހާއަށް އުފުލަން ޖެހިފައިވާ ކަމެއް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމް ރޭވިފައި މިއޮންނަގޮތުން ގިނަ އަދަދެއްގެ ކައުންސިލް މެންބަރުންތަކެއް މިތިބެނީ ހަމަ އެކަނި ގޮނޑި ހޫނުކޮށްލަންވަން. މިއީކީ ނޫން ކަން ނޭނގެ އޭގެ އެންމެ ފައިދާ ހުރި ގޮތަކީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން ކައުންސިލް މެމްބަރުން ޕާޓްޓައިމްކޮށް ކައުންސިލްގައި މަސައްކަތް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

"އެހެން ހެދީމަ، ރަށްރަށުގައި ތިބޭ ގާބިލް ބޭފުޅުން، މިސާލަކަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެހެން ބޭފުޅުން ހަފްތާއަކު ބާއްވާ ބައްދަލުވުމަށް ވަޑައިގެން މަޝްވަރާކޮށްލީމަ ނިމުނީ.އޭރުން އަހަރަކު ގާތްގަނޑަކަށް 200 މިލިޔަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.

އެލްޖީއޭގެ ރައީސް ކަމަށް މާދަމާ ކުރިމަތިލެއްވުމުން އެ މަގާމަށް ހޮވިވަޑައިގަންނަވާނެތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ނާޒިމް ވިދާޅުވީ "ދެން ކޮންމެވެސް ގޮތަކަށް ރަނގަޅު ގޮތެއް ވާނެ،" ކަމަށެވެ.

އެލްޖީއޭ ބޯޑުގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރެއްވި ވަޒީރާއި މާލޭ ސީޓީ ކައުންސިލުން އައްޔަންކޮށްފައިވާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރަކާއި މަޖިލީހުން ހޮއްވަވާފައިވާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މީހަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.