ކުޅިވަރާ ބެހޭގޮތުން ވަރަށް އާދައިގެ ފަސް ސުވާލުކުރުމުން، އިނގިރޭސި ވިލާތުގެ ކުޅިވަރާބެހޭ ވަޒީރު ހެލެން ގްރާންޓަށް އޭގެ އެންމެ ސުވާލަކަށް ވެސް ޖަވާބު ނުދެވި "ކުއިޒް"އިން ފެއިލް ވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ޕާލިމެންޓް މެންބަރު ހެލެން ގްރާންޓް އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ މަހު "އިންޑިޕެންޑެންޓް އޮން ސަންޑޭ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، އެކަމަނާގެ "ޑީއެންއޭ"ގައި ވެސް ކުޅިވަރު އެކުލެވިގެންވާ ކަމަށެވެ. މާނައަކީ ކުޅިވަރު އެކަމަނާއާ އެހާ ވެސް ބޮޑަށް ގުޅި ލާމެހިފައިވާ ކަމަށެވެ.

އެހެން ނަމަވެސް "އައިޓީވީ މެރީޑިއަން"އިން އެކަމަނާއާ އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކޮބައިތޯ އާއި، އިންގްލެންޑްގެ ރަގްބީ ކެޕްޓަންގެ ނަމާއި، ޕާލިމެންޓްގައި އެކަމަނާ ނިސްބަތްވާ ދާއިރާ ކަމަށްވާ މެއިޑްސްޓޯންގެ ފުޓްބޯޅަ ޓީމް "މެއިޑްސްޓޯން ޔުނައިޓެޑް" އިނގިރޭސި ލީގުން ވަކިވީ ކޮން އަހަރަކުތޯ ސުވާލުކުރުމުން ގްރާންޓަށް އޭގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވުނެވެ.
http://www.sun.mv/albums/l_21494.jpg
އެކަމަނާ ވިދާޅުވީ، އެކަމަނާ ނިސްބަތްވާ ދާއިރާގެ "ގްރާސް ރޫޓް ސްޕޯޓް އިވެންޓް" އަކަށް ވަޑައިގެންނެވިއިރު ލޯކަލް ޓީވީ ޗެނަލަކުން ކުއިޒެއް ކުރިމަތިކޮށްފާނޭކަން ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަން އެނގިވަޑައިގެންނެވި ނަމަ ދުރާލައި ތައްޔާރުވީސް ކަމަށެވެ.

"ކުރިން މިކަން އެނގުނުނަމަ އަޅުގަނޑު އަންނާނީ ތައްޔާރުވެގެން. އަޅުގަނޑުގެ ކުޅިވަރާ ބެހޭ މައުލޫމާތު އެހާ މުއްސަނދި ނުވެދާނެ. އެކަމަކު ކުޅިވަރުން އާންމު ދިރިއުޅުމަށް ކުރާ އަސަރުތައް ވަރަށް ރަނގަޅަށް އެނގޭ،" ހެލެން ވިދާޅުވި އެވެ.

އަހަރުތަކެއް ކުރިން އެކަމަނާގެ ޕާލިމެންޓަރީ ވެބްސައިޓުގައި ގްރާންޓް ވަނީ އެކަމަނާގެ ކުޅިވަރު ހުނަރުތައް ދައްކުވައިދޭ މައުލޫމާތުތައް ހިމަނުއްވާފަ އެވެ. އެގޮތުން ސްކޫލް ދުވަސްވަރު ސްކޫލް ޓެނިސް ޓީމާއި ހޮކީ ޓީމުގެ ކެޕްޓަން ކަން ކޮށްފައިވާ ކަމަށާއި އަދި އެތްލެޓިކްސް އާއި އެހެނިހެން ކުޅިވަރުތަކުގައި މެއިޑްސްޓޯން ތަމްސީލް ކުރަށްވާފައިވާ ކަމަށް ލިޔުއްވާފައިވެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރަށް ކުޅިވަރާބެހޭ ގޮތުން އެންމެ އާދައިގެ ފަސް ސުވާލު ކުރުމުން އެއަށް ޖަވާބު ދެއްވަން އެނގިވަޑައި ނުގަތުމުން އިނގިރޭސި މީޑިއާއިން ހެލެންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

އައިޓީވީ އިން ހެލެންއާ ކުރިމަތި ކުރި ފުރަތަމަ ސުވާލަކީ ވިމްބަލްޑަން އަންހެނުންގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކޮބައިތޯ އެވެ. އެ ސުވާލުގެ ޖަވާބަކީ، މާރިއަން ބާޓޮލީ އެވެ.
http://www.sun.mv/albums/l_21493.jpg
ހެލެންއަށް ދެން ޖަވާބު އަރުވަން އެނގިވަޑައި ނުގެންނެވި ސުވާލަކީ، އިނގިރޭސި އެފްއޭކަޕް އެންމެ ފަހުން ކާމިޔާބުކުރީ ކޮން ޓީމެއްތޯ ކުރި ސުވާލެވެ. އިނގިރޭސި އެންމެ ފަހުގެ އެފްއޭ ކަޕް ޗެމްޕިއަނުންނަކީ ވިގަން އެތުލެޓިކް އެވެ.
http://www.sun.mv/albums/l_21491.jpg
ތިންވަނަ އަށް ހެލަން ކުރިމަތިލަށްވަން ޖެހިވަޑައިގަތް ސުވާލަކީ އިނގިރޭސި ވިލާތުގެ ރަގްބީ ޔޫނިއަން ޓީމުގެ ކެޕްޓަނަކީ ކާކުތޯ ކުރެވުނު ސުވާލެވެ. ޖަވާބަކީ ކްރިސް ރޮބްޝޯ އެވެ.
http://www.sun.mv/albums/l_21492.jpg
ހަތަރުވަނައަށް އެކަމަނާއާ ކުރިމަތިކުރުވި ސުވާލަކީ އެކަމަނާ އެ ދާއިރާއަށް ނިސްބަތްވާ މެއިޑްސްޓޯންގެ ފުޓްބޯޅަ ޓީމް "މެއިޑްސްޓޯން ޔުނައިޓެޑް" ލީގުން ވަކިވީ ކޮން އަހަރަކުތޯ ކުރި ސުވާލެވެ. ޖަވާބަކީ 1992 ވަނަ އަހަރެވެ.

ކުޅިވަރާ ބެހޭ ވަޒީރަށް ޖަވާބު ނުދެއްވުނު ފަހު ސުވާލަކީ ލަންޑަން 2012 ގައި އެންމެ ގިނަ ގޯލްޑް މެޑަލް ކާމިޔާބުކުރި "ޕެރަލިމްޕިއަން" އަކީ ކޮބައިތޯ ކުރި ސުވާލެވެ. އޭގެ ޖަވާބަކީ އޮސްޓްރޭލިއާގެ ފެތުންތެރިއެއް ކަމަށްވާ ޖެކުއެލިން ފްރެނީ އެވެ.