27 Nov 2013, 22:06
ކޯލިޝަނަށް ޖާގަ ދޭގޮތަށް ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުނސިލް އިންތިހާބަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ އިންތިހާބު ކޮމެޓީގެ މެމްބަރު އަލީ ރަޝީދު ވިދާޅުވީ ރަށު ކައުންސިލްތަކަށް އެޕާޓީން 533 ގޮނޑިއަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. ޖުމުލަ ރަށު ކައުންސިލްތަކުގެ ގޮނޑީގެ އަދަދަކީ 975 އެވެ. އަދި ޖުމުލަ 120 އަތޮޅު ކައުންސިލް ގޮނޑީގެ ތެރެއިން އެޕާޓީން ވާދަކުރަން ނިންމާފައިވަނީ 74 ގޮނޑިއަކަށް ކަމަށާއި ސިޓީ ކައުންސިލްތަކުގެ 11 ގޮނޑީގެ ތެރެއިން ޕީޕއެމުން 10 ގޮނޑިއަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެއިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެވޭނީ މިދިޔަ ސެޕްޓެމްބަރުގެ 30 ނިޔަލަށް އެޕާޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންނަމަ ފޯމް ހުށައަޅާއިރު އެޕާޓީއަށް 100 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ. އަދި އެޕާޓީގެ މެމްބަރުންގެ އަދަދު 100 އަށް ވުރެ ގިނަ ދާއިރާއެއް ނަމަ 30 މީހުންގެ ސޮއި ހުށައަޅަންޖެހޭނެ ކަމަށާއި އެ ޕާޓީގެ މެމްބަރުންގެ އަދަދު 99 އާއި 50އާ ދެމެދުގެ އަދަދެއް ނަމަ މަދުވެގެން 20 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށާއި 50 މެމްބަރުންނަށް ވުރެ އެދާއިރާއެއްގައި ޕީޕީއެމްގެ މެމްބަރުން މަދުނަމަ 10 މީހުންގެ ސޮއި ހުށައަޅަންޖެހޭނެ ކަމަށެވެ.
އެޕާޓީން ޕުރައިމަރީޒް ބޭއްވުމަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހު ހަތަރެއްގަ އެވެ.