27 Nov 2013, 21:22
މިދިޔަ އަހަރު ރާއްޖޭގައި 5699 ކައިވެރިނި ކުރި އިރު 3011 ވަރިކޮށްފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕުލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިއަދު ނެރެފައިވާ އެޑިޕާޓްމެންޓުގެ ތަފާސް ހިސާބްތަކަށް ބަލާއިރު ރާއްޖޭގައި ކައިވެރި ކުރި އަދަދު ވަނީ 2011 ވަނަ އަހަރާއި ބަލާއިރު 316 ކައިވެނި މަދުވެފަ އެވެ. އަދި ވަރިކުރި އަދަދު ވެސް ވަނީ ފަހަކަށް މަދުވެފަ އެވެ. ނަމަވެސް ކައިވެނި ކުރި ނިސްބަތުން ބަލާއިރު ވަރި ގިނަ އެވެ. އަދި 2002 ވަނަ އަހަރުން ފެށިގެން އަހަރުން އަހަރަށް ވަރި ގިނަވާކަން ފާހަގަވެ އެވެ.
އާބާދީއަށް ބަލާއިރު މިދިޔަ އަހަރާއި ހަމައަށް ރާއްޖޭގެ އާބާދީ އަކީ 330652 މީހުންނެވެ. އެއީ 167057 ފިރިހެނުންނާއި 163595 އަންހެނުންނެވެ. މިދިޔަ އަހަރު ވަނީ 7431 މީހުން އުފަން ވެފައެވެ. މިދިޔަ އަހަރު މަރުވެފައި ވަނީ 1135 މީހުނެވެ. ރާއްޖޭގެ އާބާދީގެ ފަސް އަހަރުން ދަށުގެ 32019 ކުދިންނާއި ފަސް އަހަރާއި 14 އަހަރާއި ދެމެދު 55877 ކުދިންނާއި 15 އަހަރާއި 34 އަހަރާއި ދެމެދުގެ 141056 މީހުންނާއި 35 އަހަރާއި 65 އަހަރާއި ދެމެދުގެ 85685 މީހުންގެ އިތުރުން 65 އަހަރުން މަތީގެ 16015 މީހުންނެވެ.
މިހާރު އުފަންވާ ކުދިންގެ ތެރެއިން ފިރިހެންކުއްޖެއް 73 އަހަރު ވަންދެން އަދި އަންހެން ކުއްޖެއް 75 އަހަރު ވަންދެން އެވްރެޖްކޮށް ދުނިޔޭގައި އުޅޭނެކަމަށް ލަފާ ކުރެވޭކަމަށް ޑިޕާޓްމަންޓްއޮފް ޕުލެއިންނިންއިން ބުނެއެވެ.