07 Dec 2010, 06:52
ދ. އަތޮޅު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް އަދިވެސް މުސާރަ ނުލިބޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. އިބްރާހިމް ޔާސިރު މިއަދު ވިދާޅުވީ ދ. އަތޮޅުގެ އެއްވެސް މުވައްޒަފަކަށް މުސާރަ ނުދެވި ވަނީ ފިނޭންސް މިނިސްޓްރީން އެ ފައިސާ ޖަމާކޮށްދީފައި ނުވާތީކަމަށެވެ.
"ދ. އަތޮޅު ނޫން އެހެން ހުރުހާ އަތޮޅަކަށް [މުސާރަ ފައިސާ] ޖަމާވެފައި ހުރި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެ އަތޮޅަށް މުސާރަ ޖަމާވެފައި ނުވަނީ ފިނޭންސް މިނިސްޓްރީން އަދި ވެސް ޖަމާވެފައި ނުވާތީ،" ޔާސިރު ވިދާޅުވި އެވެ.
ދ. އަތޮޅު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ އަންހެނަކު ނަން ހާމަނުކުރުމަށް އެދި ބުނީ އެ އޭނާ އަށް މުސާރަ ނުލިބިމުގެ ސަބަބުން ގިނަ އަދި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އޭނާގެ ދަރިންނަށް ރަނގަޅު ކާއެއްޗެއް ނުދެވޭތާ ތިން ދުވަސް ވެފައިވާ ކަމަށާއި މޯބައިލް ފޯނު ލައިނާއި އިންޓަނެޓް ވެސް ބިލު ނުދެއްކިގެން ކަނޑާލާފައިވާ ކަށެވެ.
"އަޅުގަނޑުގެ ދަރިންނަށް ރަނގަޅު ކާއެއްޗެއް ނުދެވޭތާ ތިން ދުވަސް މިވަނީ އިނގޭތޯ. ވަރަށް ދަތި. ކުރިން މިކަހަލަ ދަތިތަކަކާ ކުރިމަތިލާކަށް ނުޖެހޭ. އަޅުގަނޑުގެ ފޯނު ލައިނު ވެސް ކަނޑާލާފައި އޮތީ. ވަތަނިއްޔާ މޮޑަމް ވެސް، ބިލު ނުދައްކައިގެން ކަނޑާލުމުން ނެޓަށް ވެސް ނުވަދެވިފައި މިހުންނަނީ،" އޭނާ ބުންޏެވެ.
ދ. އަތޮޅު ސިއްހީ ދާއިރާގައި 170 އަށްވުރެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކައްކުރަމުން އަންނަ ކަމަށް އެ އަތޮޅު ހޮސްޕިޓަލުން ބުނެ އެވެ.
ދ. އަތޮޅު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ އިތުރަށް މާލޭ މުނިސިޕަލްޓީގެ މުވައްޒަފުންނަށް ވެސް މުސާރަ ނުލިބިގެން އެމީހުންނަށް ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ތަނުގެ ބައެއް މުވައްޒަފުން އާދިއްތަ ދުވަހު ވަނީ ބުނެފަ އެވެ.
އާންމު ގޮތެއްގައި ސަރުކާރު އޮފީސްތަކުން ކޮންމެ މަހެއްގެ ވެސް 30 ގައި މުވައްޒަފުންނަށް މުސާރަދެމުން ގެންގޮސްފައިވެ އެވެ.