27 Nov 2013, 21:18
އަންނަ މަހުން ފެށިގެން ޕާސްޕޯޓް ހަދައިދިނުމުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
އިމިގުރޭޝަނުން މިއަދު ބުނީ އަންނަ މަހުން ފެށިގެން ޕާސްޕޯޓް ހެދުމަށް ފޯމް ހުށައެޅޭނީ ހެނދުނު 8:30 އިން 13:00 އަކަށް ކަމަށެވެ. އަދި ޕާސްޕޯޓް ދޫކުރާ ގަޑިޔަކަށް ހަމަޖައްސާފައިވަނީ 13:00 އިން 14:30 އަށެވެ.
އިމިގުރޭޝަނުން ބުނީ ހެނދުނު 8:30 އިން 9:30 އަށް ހުށައަޅާ ފޯމްތަކަށް ޕާސްޕޯޓް އެދުވަހުގެ ހަވީރު 3:00 ގެ ފަހުން ނިންމަދޭއިރު 9:30 ގެ ފަހުން ހުށައަޅާ ފޯމްތަކަށް ޕާސްޕޯޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ޖެހިގެންއަންނަ ދުވަހުގެ މެންދުރު 1:00 ގެ ފަހުން ކަމަށެވެ. ޕާސްޕޯޓް ދޫކުރާ، ނަމްބަރު ދޫކުރަނީ މެންދުރު 1:00 އާއި 2:30 އާއި ދޭތެރޭގައެވެ.
މިދުވަސްވަރަކީ ގިނަ ބަޔަކު ޕާސްޕޯޓް ހެދުމަށް އަންނަ ދުވަސް ވަރަކަށް ވާތީ މިއަންނަ ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރާގޮތަށް ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. އެގޮތުން އެދުވަހު ހެނދުނު 10:00 އަކުން 12:00 އަށް ޕާސްޕޯޓް ދޫކުރާ ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ބައެއް އެހެން އިދާރާތަކަށް ހުށައަޅާފައިވާ ފޯމްތަކުގެ ތެރެއިން ފަހެއް ޑިސެމްބަރުގެ ނިޔަލަށް ލިބެންހުރި ޕާސްޕޯޓްތައްވެސް އެދުވަހު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.