27 Nov 2013, 20:28
މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އިންފްލޭޝަން ރޭޓް 3.95 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 0.58 ޕަސެންޓެވެ. އެކަމަކު މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.88 ޕަސެންޓްގަ އެވެ.
އެ ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި އިންފްލޭޝަން ރޭޓް މައިގަނޑު ގޮތެއްގައި ގޮސްފައި ވަނީ ތަރުކާރިއާއި މަހުގެ ބާވަތްތަކާއި ގޭގެ ކުލި އަދި މައުލޫމާތު ހޯދުމަށް ބޭނުންކުރާ ވަސީލަތްތަކާއި ބޫޓާއި ފައިވާނުގެ އިތުރުން ސިއްހީ ހިދުމަތުގެ ބައިތަކުން ވެސް އަގުތައް އުފުލިފައިވެ އެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މާލޭ އިންފްލޭޝަން ރޭޓް ހުރީ 0.32 ޕަސެންޓްގަ އެވެ. އަދި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް ހުރީ 0.79 ޕަސެންޓްގައި ކަމަށް ޕްލޭނިން ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.