ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ބަލައި ފުލުހުންނާއި ސިފައިން ގުޅިގެން އެފަދަ މަސައްކަތްތައް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ޗީފް އޮފް ޑިފެންފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް އާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަމްރީނު ތަކުގައި ސިފައިންނަށް ބައިވެރި ވުމުގެ ފުރުސަތު ފަސޭހައިން ލިބުމާއި ސިފައިންގެ ތަމްރީނު ތަކުގައި ފުލުހުންނަށް ފަސޭހައިން ފުރުސަތު ދެވޭނެ ދާއިރާތަކާ ބެހޭގޮތުން މިބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ކޮމިޝަނަރު ހުސައިން ވަހީދަށް މަރުހަބާ ދަންނަވައި ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތްކޮށް، ފުލުހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގައި ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަމާއި ފުލުހުންނަށް ބޭނުންވާ ހަތިޔާރާއި އެއާ ގުޅުންހުރި ތަމްރީންގެ ފުރުސަތުތައް ފުލުހުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ. މީގެއިތުރުންވެސް ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރިވިދާނެ ކަންތައްތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.